ޚަބަރު

ކޯވިޑް-19 : އިތުރު 10 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފި


ދުބާއީން ރާއްޖެގެންނަން ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު މިގެނައި ވެންޓިލޭޓަރުތަކާއެކު ރާއްޖޭގައި މިވަގުތު ހުރި ވެންޓިލޭޓަރުތަކުގެ އަދަދު، 129އަށް އިތުރުވެފައިވާކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވަނީ މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެންމެ ނާޒުކު ހާލަތަކަށްދާ މީހުންނަށް ފަރުވާދިނުމަށެވެ.

ވެންޓިލޭޓަރު ތަކުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ އައިސީޔޫ ފެސިލިޓީތަކާއި، އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދުތައް މިހާރު ރާއްޖެ ގެނެސްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ސިއްޙީ ފަރުވާދޭ ތަންނަތަނަށް ބޭނުންވާ އިތުރު ޕީޕީއީ ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއަށް މިވަގުތައް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތައް ހޯދުމަށް ކުރި މަސައްކަތުން ބޭނުންވާ 4120 ޖަމްބޯ އޮކްސިޖަން ސިލިންޑަރު ރާއްޖެ ގެނެސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭހާއި، ސިއްޙީ އާލާތްތަކުގެ 50 އިންސައްތަ މިހާރު ރާއްޖެ ގެނެސްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.