ޚަބަރު

ސިންގަޕޫރުގެ މިނިވަންދުވަހާ ގުޅިގެން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ


ސިންގަޕޫރުގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އެޤައުމުގެ ‏ރައީސް ޑޮކްޓަރ ޓޯނީ ޓާން ކޭންގ ޔާމަށާއި، ބޮޑުވަޒީރު ލީ ސިއެން ލޫންގަށް، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.‏ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސިންގަޕޫރުގެ ރައީސަށާއި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސިންގަޕޫރުގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.