ވިޔަފާރި

މަސައްކަތް ކުރިއަށް ނުދާ ރަށްތަކުގެ އެގްރިމެންޓް ބާތިލްކުރަނީ


ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރަން  ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން މަސައްކަތް
ކުރިއަށް ނުދާ ރަށްރަށުގެ އެގްރިމެންޓް ބާޠިލް ކުރަން ވިސްނަމުންދާކަމަށް ޓޫރިޒަމް
މިނިސްޓްރީން ބުނެފިއެވެ. 

ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ހުސެއިން ޟިރާރް ވިދާޅުވީ
ރިސޯޓް ތަރައްޤީ ކުރުމަށް ދެހާސް ވަނަ އަހަރުން ފެށިގެން މިހާތަނަށް، ނުވަދިހަ
އަށް ވުރެ ގިނަ ރަށް ދޫކުރެވިފައިވާއިރު މީގެތެރެއިން  ހަލުވި ސްޕީޑެއްގައި މަސައްކަތް ކުރިއަށްދަނީ
ސާޅީސް ރަށެއްގައިކަމަށެވެ. އަދި މިރަށްތަކުގެ ތެރެއިން ފަސްރިސޯޓެއް
މިއަހަރުތެރޭ ހުޅުވޭނެ ކަމަށް ވެސް ޟިރާރު ވިދާޅުުވިއެވެ.



 ޟިރާރް ވިދާޅުވީ
ރިސޯޓް ހެދުމަށް މިހާރު ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ކުރިއަށް
ނުދާ ރަށްރަށަކީ ރިސޯޓުގެ ގޮތުގައި ރަށް ތަރައްގީ ކުރާ ވަރަށް، ފައިސާ ނެތް ފަރާތްތައްކަން
ފާހަގަވެފައިވާ ކަމަށެވެ.



ޟިރާރް ވިދާޅުވީ ރިސޯޓް ތަރައްޤީ ކުރުމަށް  މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާ ސާޅީސް
ރަށް ފިޔަވައި ދެންހުރި ރަށުގެ ތެރެއިން މިހާތަނަށް މަސައްކަތްތައް ނުފެށިވާ
ރަށްތައް ފާހަގަކޮށް، އެރަށްތަކާމެދު ފިޔަވަޅުއަޅުއްވަން ޓޫރިޒަމް މިނިސްޓްރީން
ވިސްނަވާކަމަށެވެ.



އަދި
ކުރިއަށް އޮތްތާގައި ރިސޯޓް ތަރައްޤީކުރުމަށް ރަށް ދޫކުރާނީ ރިސޯޓް ތަރައްޤީ
ކުރުމަށް ބޭނުންވާ ވަރުގެ އިންވެސްޓްމެންޓެއް ކުރެވޭނެ ފަދަ ކުންފުނިތަކަށް
ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 



ރިސޯޓްތައް
ތަރައްޤީކުރުމުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ސަރުކާރުންވަނީ މިދިޔަ
ޑިސެމްބަރުމަހުން ފެށިގެން ރިސޯޓްތައް މަރާމާތުކުރުމަށް ގެންނަ ތަކެތިން އިމްޕޯޓް
ޑިއުޓީ ނެގުން ވެސް ހުއްޓާލާފައެވެ. އަދި އެ ބަދަލާއެކު ކުރިން މަސައްކަތްތައް
މަޑު ޖެހިފައިވާ ބައެއް ރަށްތަކުގެ 
މަސައްކަތްތައް ފެށިގެން ދިޔަ ކަން ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރެއެވެ.



ސަރުކާރުންވަނީ ފަސްއަހަރު ދުވަހުގެތެރޭގައި ފަންސާސް
ރިސޯޓް ހުޅުވުމަށް އަމާޒުކޮށްފައެވެ. މި އަހަރު ތެރޭ ހުޅުވިގެންދަނީ ފަސް
ރިސޯޓްކަމުގައި ވިޔަސް ކުރިއަށް އޮތް ތިން އަހަރުދުވަސް ނިމޭ އިރު ފަންސާސް ރިސޯޓް
ހުޅިވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޟިރާރު ވިދާޅުވިއެވެ.