ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރުކުރަމުންމިދާ ވިއްސާރައިގައި ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ޙިއްސާކުރައްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓްރޮލަޖިސްޓް އަބްދުﷲ ޙާފިޒް ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށްކުރަމުން މިދާ ވިއްސާރައިގައި އިއްޔެ ބައެއް ސަރަހައްދުތަކަށް މޫސުން ރަނގަޅުވިނަމަވެސް ރެއިންފެށިގެން މާލެއިން ފެށިގެން ހުޅަނގުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާކަމަށެވެ.
އެގޮތުން މިއަދު ހެނދުނު އައި ކޮޅިގަނޑުގައި މާލެ ސަރަހައްދަށް 53 މޭލަށް ވައިގަދަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މިވިއްސާރާގައި ދެކުނު އަތޮޅުތަކަށް ވައިބާރުވެ ބޯކޮށް ވާރެވެހިފައިވާއިރު، މިހާރު މެދުތެރެއާ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްވަނީ އެލާޓްތައް ނެރެފައެވެ. އެހޮގޮތުން، ބޯކޮށް ވާރޭވެހުމާއެކު ކަނޑު ގަދަވެ 55 މޭލަށް ވައިބާރުވާނެކަމަސް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެއެވެ. އަދި މާލެ އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށްވަނީ ވައިޓް އެލާޓްނެރެފައެވެ. މިއަދު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުނަމަވެސް މާދަމާއިން ފެށިގެން އެސަރަހައްދަށް އަނެއްކާވެސް މޯސުން ގޯސްވާނެކަމަށް ބޮޑަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެެވެ.
މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވައިބާރުވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކޮންމެ ސަރަހައްދަކަށްވެސް އުދައަރާފާނެކަމަށް ލަފާކުރެވޭތީ އެކަމަށް ރަށްރަށުން ސަމާލުވާނެޖެހޭކަމަށެވެ. މީގެ އިތުރުން ކަނޑުތައް އާންމުކޮށް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަސް ސަމާލުވުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކުރައްވާފައެވެ.