ވިޔަފާރި

މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ދަށުން 91 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި


2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން 91 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މޯލްޑިވްސް ޕެންޝަން އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 91،012،606.86 (ނުވަދިހަ އެއްމިލިއަން ބާރަހާސް ހަސަތޭކަ ހަރުފިޔާ އަށްޑިހަ ހަލާރި) ވަނީ ދޫކޮށްފައެވެ. މިއީ ޕެންޝަން ލިބުނު މީހުންގެ އަދަދުން ބަލާނަމަ މަހެއްގެ މައްޗަށް އެވްރެޖްކޮށް 1،328 މީހުންނެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ މައިގަނޑު މަޤްސަދަކީ ވަޒީފާ އަދާކުރާ ދުވަސްވަރު ފަހަށް ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. އަދި ރިޓަޔަރ ކުރުމަށް ފަހުގައިވެސް މާލީ މިނިވަންކަން ލިބިގެންވާ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމެވެ.

2019 ވަނަ އަހަރު މި ސްކީމަށް ޖަމާކޮށްފައިވާ ޖުމްލަ ފައިސާގެ އަދަދު ބިލިއަނަކަށްވުރެ އިތުރެވެ. (1،183،825،816.36 ރުފިޔާ) މީގެތެރޭގައި ގިނައީ ޕްރައިވެޓް ސެކްޓަރއިން ޖަމާކޮށްފައިވާ ފައިސާއެވެ. އެއީ ޖުމްލަ 719،923،435.82 ރުފިޔއެވެ. 2019 ވަނަ އަހަރާއި ހަމައަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ތިބި ޖުމްލަ މެންބަރުންގެ އަދަދަކީ 100225 އެވެ. އަދި މި ސްކީމްގައި ބައިވެރިވެފައިވާ ވަޒީފާދޭ ފަރާތްތަކުގެ އަދަދަކީ 2164 އެވެ.

މި ސްކީމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ބަލާ މުސާރައިގެ ޖުމްލަ 14 އިންސައްތަ ނަގައިގެން އެފައިސާ އިންވެސްޓްކޮށް ހިންގޭ ސްކީމެކެވެ. މި ސްކީމްގެ ބައިވެރިންނަށް ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ޖަމާކުރެވޭ ފައިސާގެ އިތުރުން އިންވެސްޓްމަންޓުގެ ފައިދާވެސް ލިބޭނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.