ދުނިޔެ

އެމެރިކާގައި އުފަންވާ ރޭޓު ރިކޯޑު މިންވަރަކަށް ދަށަށް!


އެމެރިކާގައި ފާއިތުވި 35 އަހަރުގެތެރޭ ދަށަށް ނުދާ މިންވަރަށް މިދިޔަ އަހަރު އުފަންވާ ރޭޓު ދަށަށް ހިނގައްޖެއެވެ.

އެމެރިކާގެ ސެންޓާސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީ.ޑީ.ސީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު އެމެރިކާގައި އުފަންވެފައިވަނީ 3.75 މިލިއަން ކުދިންނެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1 އިންސައްތަ ދަށްވުމެކެވެ. އަދި އުމުރުން 15 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންގެ މެދުގައި ދަރިމައިވާ ނިސްބަތްވަނީ 2 އިންސައްތަ ދަށަަށް ގޮސްފައެވެ.

އެގޮތުން އެ އުމުރުގެ ކޮންމެ 1000 އަންހެނަކު ވިހާފައިވަނީ 58.2 ދަރިންނެވެ. މިއީ 1909 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސަރުކާރުން އެ ޤައުމުގައި ދަރިން އުފަންވާ ޢަދަދުގެ ތަފާސް ހިސާބުތައް އެއްކުރަން ފެށިފަހުން، މިޢަދަދުތައް މިހާ ދަށަށް ދިޔަކަމަށް ރިކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެމެރިކާގެ ދަރިމައިވެފައިވާ ރޭޓު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގައެވެ. އެ އުމުރުފުރާއިން 5 އިންސައްތައިގެ ދަށްވުމެއް ފެނިގެންގޮސްފައިވެއެވެ. 1991 ވަނަ އަހަރުން ފެށިގެން އެ އުމުރުފުރާގެ ކުދިން ދަރިމައިވާ ނިސްބަތް 73 އިންސައްތަ ވަނީ ދަށްވެފައެވެ.

އެމެރިކާގައި ކުދިން އުފަންވާ ރޭޓަށް ބަދަލު އައިސް، ޢަދަދުތައް ދަށްވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް މުޅި ދުނިޔެއަަށް ކުރިމަތިވި ޢިޤްތިޞާދީ ހީނަރުކަމުގެ ތެރެއިންނެވެ. ނަމަވެސް އެ މުއްދަތަށްފަހު ޤައުމުގެ ޢިޤްތިޞާދީ ޙާލަތު ކުރިއަރަމުންދިޔަ މިންވަރާއި އެއް ހަމައެއްގައި ދަރިން އުފަންވާ ރޭޓް ހިފެހެއްޓިފައެއްނުވެއެވެ.

ސީ.ޑީ.ސީން ހާމަކޮށްފައިވާގޮތުގައި އެ ޤައުމުގެ ކުރީގެ ޖީލުތަކާއި އަޅާބަލާއިރު، 21 ވަނަ ގަރުނުގެ ޒުވާނުންގެ މެދުގައި ޢާއިލާ ރޭވުމާއި، ދަރިން ހޯދާލެއް މަދެވެ. ސަބަބެއްކަމަަށް އިޤްތިޞާދީ މާހިރުން ބޮޑަށް ޤަބޫލު ކުރަނީ، ކުރިއާއި ޚިލާފަށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، މާލީގޮތުން އާއިލާއެއް ބެލެހެއްޓުމުގެ ޤާބިލުކަން ގިނަ މީހުންގެ ނެތުމުން ކަމަކަށެވެ.

އެމެރިކާގައި ދަރިން އުފަންވާ ރޭޓު މިދިޔަ އަހަރު ރިކޯޑު މިންވަރަކަށް ދަށަށްގޮސްފައިވާއިރު، ކޯވިޑް-19ގެ ސަބަބުން މިއަހަރު މި ޢަދަދު މިއަށްވުރެއްވެސް ދަށަށް ދާނެކަމަށް ވަނީ ބެލެވިފައެވެ.