ޚަބަރު

އެމެރިކާއާއި އިސްރާއީލާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ފަލަސްޠީނުން އުވާލައިފި


އެމެރިކާއާއި އިސްރާއީލާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ފަލަސްޠީނުން އުވާލައިފިއެވެ. ފަލަސްޠީނުން އެގޮތަށް ނިންމާފައިވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވަން ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމެވުމުންނެވެ. އެއީ ގުޅިފައިވާ ސަރުކާރަކުން އިތުރު ދަޢުރަކަށް އިސްރާއީލުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނަތަންޔާހޫގެ އިންތިޚާބީ ވަޢުދެކެވެ.

ފަލަސްޠީނުގެ ސަރުކާރު ހިންގާ ރަށްކަމަށްވާ ރާމައްﷲގައި ބޭއްވި ފަލަސްޠީނުގެ އިސްވެރިންގެ ބައްދަލުވުމެއްގައި ތަޤުރީރުކުރައްވަމުން ރައީސް މަޙުމޫދު ޢައްބާސްވަނީ އެމެރިކާއާއި އިސްރާއީލާއެކު ވެފައިވާ ހުރިހާ އެއްބަސްވުމެއް ފަލަސްޠީނުން އުވާލައިފިކަން އިޢުލާންކުރައްވާފައެވެ. ޢައްބާސް ވިދާޅުވީ އެއްބަސްވުންތަކުގެ އިތުރުން ފަލަސްޠީނުން ކޮށްދިނުމަށް ވަޢުދުވެފައިވާ ކަންކަން ކުރިއަށްގެންދިއުންވެސް ނިމުނީކަމަށެވެ. އޭގެ ތެރޭގައި ސަލާމަތީ ކަންކަން ހިމެނޭނެކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.

އިސްރާއީލަކީ އިސްތިޢުމާރީ ބާރެއްކަމަށާއި އެޤައުމާމެދު ދެކެންޖެހޭނީ އެގޮތަށްކަމަށް ވިދާޅުވެ، ޢައްބާސްވަނީ ކޯފާއިސްކުރައްވާ ވާހަކަދައްކަވާފައެވެ. ޢައްބާސް ވިދާޅުވީ އިސްތިޢުމާރީ ބާރަކަށްވުމުން ލިބޭނެ ހުރިހާ ގެއްލުމަކަށް އިސްރާއީލުން ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނަށް އިޝާރާތްކުރައްވާ ޢައްބާސް ވިދާޅުވީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުރިހާ ބިންތަކެއްގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީވެސް އިސްރާއީލުންކަމަށް ވިދާޅުވެފައެވެ.

ފަލަސްޠީނުން ޤަބޫލުކުރާގޮތުގައި 1993ވަނަ އަހަރު ޤާއިމުކުރެނު އޮސްލޯ އެކޯޑްސްއާއި 1997ވަނަ އަހަރު ޤާއިމުކުރެވުނު އަލްޚަލީލު އެއްބަސްވުމާއި 1998ވަނަ އަހަރު ޤާއިމުކުރެވުނު ވައީ ރިވަރ އެއްބަސްވުން މިހާރުވަނީ ބާޠިލުވެފައެވެ. އެއެއްބަސްވުންތަކަކީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިސްރާއީލާ ދެމެދު ސަރަޙައްދީ ރޮނގު ޤާއިމުކޮށް، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުންތަކެކެވެ.

ފަލަސްޠީނުގެ ރައީސް ޢައްބާސް ތުހުމަތުކުރެއްވިގޮތުގައި އިސްރާއީލުން ހިންގާ ހުރިހާ ޖަރީމަތަކަކަށް ހިތްވަރުދީ ދިފާޢުކޮށްދޭ ޤައުމަކީ އެމެރިކާއެވެ. އެހެންކަމުން، ފަލަސްޓީނުގެ ރައްޔިތުންނަށް ލިބޭ ހުރިހާ ދެރައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިންކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އިސްރާއީލުން ރާއްވާ ހީލަތްތެރި ރޭވުންތަކަކީ ފަލަސްޠީނުން ޤަބޫލުކުރާނެ ކަންކަމެއް ނޫންކަމަށް ވިދާޅުވެ، ޢައްބާސްވަނީ ފަލަސްޠީނުގެ ޙައްޤުތަކަކީ ވިއްކާނެ އެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ދާޚިލީ ވަޒީރު މައިކް ޕޮންޕެއޯވަނީ ދާދިފަހުން އިސްރާއީލަށް ދަތުރެއްކުރައްވާ އެޤައުމުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ. އެދަތުރަށްފަހު އިސްރާއީލުގައިވަނީ ގުޅިފައިވާ ސަރުކާރެއް ޤާއިމުކޮށް، ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް ގެނެސްފައެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ ޞުލްހައިގެ މަޝްރޫޢެއް އިޢުލާންކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެމަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ހަނގުރާމަކޮށްގެން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ ދަޢުލަތެއް އުފެއްދުމަށް ޓްރަންޕް ދޭން ނިންމަވާފައި އޮތީ އެކި ތަންތަންކޮޅަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ.