ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް އަންނަ އަހަރަށް ވެކްސިނެއް ތައްޔާރުވާނެކަމަށް ތައިލޭންޑުން ބުނެފި


އަންނަ އަހަރުގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވާނެކަމަށް ތައިލޭންޑުން ބުނެފިއެވެ.

ތައިލޭންޑުން ތައްޔާރުކުރާ ވެކްސިންގެ މަސައްކަތްކުރަނީ އެޤައުމުގެ ނޭޝަނަލް ވެކްސިން އިންސްޓިޓިއުޓުންނާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސައިންސާއި ޗުލަލޮންކޯނު ޔުނިވާސިޓީގެ ވެކްސިން ރިސާޗު ސެންޓަރާ ގުޅިގެންނެވެ. ބަލިޖައްސާ ވައިރަހުގެ ފަށަލައިގައި ހުންނަ އެންޓިޖެން ކިޔާ މާއްދާއެއް ހަށިގަނޑުގެ ސެލްތައް ލައްވާ އުފައްދަން މެސެންޖާ އާރުއެންއޭ ވެކްސިނުން މަސައްކަތްކުރާނެއެވެ. އެއަށްފަހު ހަށިގަނޑުން އެމާއްދާއާ ދެކޮޅަށް މަސައްކަތްކުރާނެއެވެ.

ތައިލޭންޑުގެ ކޯވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން ސެންޓަރުގެ ތަރުޖަމާނު ތަވީސިން ވިސަނުޔޮތިން ވިދާޅުވީ މީދާ ބޭނުންކޮށްގެން އެވެކްސިން ތަހުލީލުކުރުމުން ލިބުނު ނަތީޖާތައް ކާމިޔާބުކަމަށާއި ކުރިއަށްއޮތް ހަފުތާތަކުގައި ރާމާމަކުނު ބޭނުންކޮށްގެން ވެކްސިން ތަހުލީލުކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އެވެކްސިން ބޭނުންކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ތައްޔާރުކުރުމަށް ދުނިޔޭގެ 100އަށްވުރެ ގިނަ ޖަމްޢިއްޔާއިންދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ވެކްސިންތަކެއްވަނީ އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރަން ފަށާފައެވެ. ނަމަވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނީ ކާމިޔާބު ވެކްސިނެއް ތައްޔާރުކުރުމަށް އަދި އިތުރު 12 މަސް ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށްވާ މޮޑާނާއިން ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުންދާ ވެކްސިނުގެ ތަހުލީލުތަކުން އެދެވޭ ނަތީޖާއެއް ފެންނަން ފަށައިފައިވާކަމަށް އެކުންފުނިން ބުނެއެވެ. ބޭސް އުފައްދާ މަޝްހޫރު ޖޮންސަން އެންޑް ޖޮންސަނާއި ފިޓްޒާ އިންކުންދަނީ ޖަރުމަނުވިލާތުގެ ބިއޯއެންޓެކް އެސްއީއާ ގުޅިގެން ވެކްސިނެއް ތައްޔާރުކުރުމަށް މަސައްކަތްކުރަމުންނެވެ.

ތައިލޭންޑަކީ ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާ ފިޔަވައި އެބަލިމަޑުކަން ދެވަނައަށް ފެނުނު ޤައުމެވެ. ބަލިމަޑުކަމެއް ފެތުރެން ފެށުމުން އެއާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅާ ބަލި ފެތުރޭ މިންވަރު ދަށްކުރުމުގައި އެންމެ ހަރުދަނާކޮށް މަސައްކަތްކުރާ ފަސް ޤައުމުގެ ތެރޭގައި ތައިލޭންޑު ހިމެނެއެވެ. ތަވީސިން ވިދާޅުވީ ތައިލޭންޑުން ބޭނުންވަނީ ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ތައްޔާރުކުރާ ފުރަތަމަ ޤައުމަށްވުމަށްކަމަށެވެ.

ކޯވިޑް-19 ޖެހިފައިވާ 3،034 މީހުންވަނީ ތައިލޭންޑުން ފެނިފައެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން 56 މީހުންވަނީ މަރުވެފައެވެ.