ޚަބަރު

އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފި


ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ވަނީ ވަނީ ގުގުރުމާއެކު، ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައެވެ. ހަވީރުފަހަކުން މިރޭ 09:00 އާހަމައަށް ނެރުނު މިއެލާޓްގެ ވަގުތުގައި އެސަރަހައްދުތަކަށް ކަނޑުގަދަވެ އުދައަރާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މިހަފްތާ ފެށުނީއްސުރެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެއް ނަމަވެސް، ރާއްޖެ ސަރަހައްދަށް ވައިބާރުވެފައިވަނީ އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި އުފެނުނު ތޫފާނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިހާރު އެތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާތީ ދެން އޭގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.