ކުޅިވަރު

މިނިވަން 50 ޗެމްޕިއަންޝިޕް ރަސްމީކޮށް އިފްތިތާޙްކޮށްފި


މިނިވަން ފަންސާސް ޗެމްޕިއަންޝިޕް އަތޮޅު ފުޓްބޯޅަ މުބާރާތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. އޮލިމްޕަހުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމުބާރާތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ބަންޑާރަ ނައިބު މުޙައްމަދު އަނިލްއެވެ. މިރަސްމިއްޔާތުގައި މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ދެހާސް ފަނަރައިގެ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ތައްޔާރުކުރި ޚާއްސަ މަޖައްލާ ނެރުންވެސް އޮތެވެ. މި މަޖައްލާ ޕީއެސްއެމްގެ ފަރާތުން ޙަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމާއި ޕީއެސްއެމްގެ މާލްދީބް މަޖައްލާގެ މެނޭޖިންގ އެޑިޓަރ ޒޫޝާން ޢަލީއެވެ. މިރަސްމިއްޔާތުގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފެނުނީ މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރަށްތަކުގެ ޖާޒީ ދައްކާލުމެވެ. އަށް ޒޯނުން ޖުމްލަ ހަތްދިހަ ތިންރަށް ވާދަކުރާ މިމުބާރާތުގައި ބައިވެރިވި ހުރިހާ ރަށެއް މި ރަސްމިއްޔާތުގައިވަނީ ތަމްސީލްކޮށްފައެވެ. އަދި މުބާރާތުގެ ތީމް ލަވަ ތަޢާރަފް ކުރުމުގެ އިތުރުން މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕްގެ އައިޓަމްތަކެއް މިރަސްމިއްޔާތުގައި ހުށައެޅިއެވެ.މިނިވަން ފަންސާސް ޗެމްޕިއަންޝިޕް އެކި ޒޯންތަކުގައި ފެށުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްވަރެވެ. އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގައި ހިމެނޭ އަތޮޅުތަކުގެ މެޗްތަކެވެ. އެގޮތުން ށ.ފޯކައިދޫގައި މިމަހުގެ ފަނަރަވަނަ ދުވަހު މުބާރާތް ފަށާނީ ފޯކައިދުއާއި މިލަންދޫގެ މެޗުންނެވެ. މިމުބާރާތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޗޭންޖިންރޫމް ނެތް ދަނޑުތަކުގައި ޗޭންޖިންގ ރޫމް އެޅުމަށް އެފްއޭއެމުންވަނީ ހަތްދިހަ ފަސްހާސް ރުފިޔާގެ ތަކެތި ލިބޭނޭ ވައުޗަރތަކެއް އެރަށްރަށް ދީފައެވެ.މުބާރާތަށް ޚާއްޞަކޮށްގެން ޕިއެސްއެމްއިން ނެރުނު މަޖައްލާގައި މުބާރާތުގައި ވާދަކުރާ ރަށްތަކުގެ މައުލޫމާތާއި، ޓީމްތަކުގެ މައުލޫމާތާއި ފޮޓޯ ހިމަނާފައިވެއެވެ. އަދި އެހާރާއި މިހާރުގެ ފުޓްބޯޅަ ތަރިންގެ ކޮމެންޓްސް ހިމަނާފައިވއެވެ.