މުނިފޫހިފިލުވުން

ޕްރިޔަންކާއާއި ކަންގަނާގެ "ފެޝަން"ގެ ދެވަނަ ބައެއް ހަދަނީބާ؟


2008 ވަނަ އަހަރު ނެރުނު ކާމިޔާބު ހިންދީ ފިލްމް "ފެޝަން"ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ޕްރިޔަންކާ ޗޯޕްރާއާއި ކަންގަނާ ރަނައުޓް މުހިއްމު ރޯލުތަކުން ފެނިގެންދިޔަ "ފެޝަން" އަކީ މި ދެ ފަންނާނުންގެވެސް ފިލްމީ ކެރިއަރުގައި މުހިއްމު ދައުރެއް އަދާކުރި ފިލްމެކެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ރިޕޯޓްކޮށްފައިވާގޮތުން ފެޝަންގައި ފިރިހެން ލީޑު ރޯލުން ފެނިގެންދާ އަރްޖަން ބާޖްވާ އެވެ. ޕްރިޔަންކާ ޗޯޕްރާވަނީ ފިލުމުގެ ދެވަނަ ބައެއް އުފެއްދުމާއި ގުޅޭގޮތުން އެ ފިލްމުގެ ޑައިރެކްޓަރ މަދޫރް ބަންދަރްކަރާއި ވާހަކަދައްކާފައެވެ. އަދި ފެޝަންގެ ސީކުއަލްއެއް އުފެއްދުމުގެ ޝަޢުގުވެރިކަން އެ ދެ ފަންނާނުންވެސް ފާޅުކޮށްފައިވާކަމާއި، މި ޕްރޮޖެކްޓަށް ކުރީގެ ފިލްމާއި ގުޅުވައިގެން ވީހާވެސް އަވަހަކަށް ވާހަކައެއް ލިޔުމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

2.5 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ 2008 ވަނަ އަހަރު ހިިންދީ ސިނާމާތަކަށް އައި އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމަށް ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި 8.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މިއީ ފެޝަނާއި ގްލެމަރގެ ދުނިޔެއިން ސުޕަރ މޮޑެލްއަކަށްވުމުގެ ހުވަފެން ދެކެމުންދިޔަ ޒުވާން އަންހެނަކަށް އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމުގެ ތެރޭގަައި ދިމާވާ ތަފާތު ކަންތައްތަކެއް މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

އެގޮތުން ކޮންމެކަމަކަށްވެސް އަގެއް އޮންނާނޭ ބުނާ އުޞޫލުން ފެޝަން އިންޑަސްޓްރީގައި ކުރިއަށްދާން ބޭނުންނަމަ ކުރަންޖެހޭ ކަންތައްތަކާ، އެ އިންޑަސްޓްރީގައި އަންހެނުންގެ ނުފޫޒު އޮންނަ މިންވަރު މި ފިލްމުން ވަނީ ދައްކުވައިދީފައެވެ. ފިލްމަށް ކްރިޓިކްސްގެ ފަރާތުންނާއި ބެލުންތެރިންގެ ފަރާތުންވެސް ޕޮޒިޓިވް ކޮމެންޓްތަކެއް ވަނީ ލިބިފައެވެ.

2009 ވަނަ އަހަރުގެ ފިލްމް ފެއަރ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ޕްރިޔަންކާއަށް އަދި ސަޕޯޓިންގ އެކްޓްރެސްގެ އެވޯޑް ކަންގަނާއަށް ލިބިފައިވަނީވެސް މި ފިލްމުންނެވެ. އަދި 2010 ވަނަ އަހަރު ޕްރިޔަންކާ ފުރަތަމަ ފަހަރަށް އެންމެ މޮޅު ބަތަލާގެ ޤައުމީ އެވޯޑް އުފުލާލާފަައިވަނީ މި ފިލްމުންނެވެ. ހަމަ އެއަހަރުގެ އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ ޤައުމީ އެވޯޑް ކަންގަނާވަނީ މި ފިލްމުން ހާޞިލުކޮށްފައެވެ. އެހެންކަމުން މި 2 ބަތަލާއިންގެވެސް ފިލްމީ ހަޔާތް ކޮޅަަަށް ޖެހުމުގައި މުހިއްމު ދައުރެއް މި ފިލްމް ވަނީ އަދާކޮށްދައެވެ.

ކޮންމެއަކަސް "ފެޝަން"ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު، އަލަށް އުފައްދާ ފިލްމުގައި ޕްރިޔަންކާއާއި ކަންގަނާ އެކުގައި ފެނިދާނެތޯ މިއީ މިހާރު ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ. ސަބަބަކީ 2013 ވަނަ އަހަރު ރިލީޒްކުރި "ކްރިޝް-3"އަށްފަހު މި ދެ ފަންނާނުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި، ދެބަސްވުންތަކުގެ ސަބަބުން ދެ ފަންނާނުންގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާތީއެވެ.