ޚަބަރު

ނައިބުރައީސް މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު މޯލްޓާގެ ރައީސާ މާރީ ލުއިސް ކޮލޭރޯ ޕްރޭކާއާ ބައްދަލުކުރައްވައިފިއެވެ. ނައިބުރައީސް މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވާފައިވަނީ މިހާރު މޯލްޓާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ނައިބުރައީސްވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްސަ ސިޓީފުޅެއް އެކަމަނާއަށް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މޯލްޓާ އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ދެންނެވީ މޯލްޓާގެ ޑިރެކްޓަރ އޮފް ޕްރޮޓޮކޯލް އެންޑް ކޮންސިއުލަރ ސަރވިސަސް، ޕިއެރް މަލިއާއެވެ.ނައިބުރައީސް މޯލްޓާއަށް ވަޑައިގެންނެވީ މިޞްރުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިޞްރަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހުގައެވެ. މިދަތުރުފުޅުގައި  އެމަނިކުފާނު ވަނީ މިޞްރުގައި ކިޔަވަން ތިބި ދިވެހި ކުދިންނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، މިޞްރުގައި ތިބި ދިވެހި ކުދިންނާ ބައްދަލުކުރައްވައި، އެކުދިންގެ ޙާލުއަހުވާލު ބައްލަވައި، އެކުދިންގެ ކިޔެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮޅުންފިލުއްވިއެވެ. އަދި އެކުދިންގެ ކުރިއެރުމަށް ސަރުކާރުގެ ފަރާތުން ކޮށްދެއްވެން ހުރި ކަންކަން ބައްލަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.