ޚަބަރު

މާދަމާ މަސްމާރުކޭޓުން ޑެލިވަރީގެ ޚިދުމަތް ފަށަނީ


މާލޭ މަސް މާރުކޭޓް މާދަމާ ހުޅުވާ އެތަނުން ޑެލިވަރީގެ ޚިދުމަތް ދޭން ފަށާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މި ޚިދުމަތް ފެށުމަށްޓަކައި މިހާރު ތައްޔާރުވަމުންދާކަމަށާއި މިހާރު މަސްމާރުކޭޓް ހިންގާ ފަރާތްތަކުން އެތަން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަކަމަށެވެ. އަދި މަސް ޑެލިވަރީ ކޮށްދޭ ފަރާތްތަކަށް ފާސް ދޫކޮށްފައިވާކަަމަށް ސިޓި ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މަސްމާރުކޭޓުން ޑެލިވަރީގެ ޚިދުމަތް ފޯރުކޯށްދިނުމަށްޓަކައި މިހާތަނަށް ގާތްގަނޑަކަށް 40 މީހަކަށް ހުއްދަދީފައިވާކަމަށެވެ. އަދި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސިޓީ ކައުންސިލްގައި 10 މަސް ދޯންޏެއް ރަޖިސްޓަރ ކޮށްފައިވަކަމަށްވެސް ސިފާ ވިދާޅުވިއެވެ. އަދި ޚިދުމަަތްތައް ފޯރުކޮށްދެމުންދާނީ ދެ ޝިފްޓަކަށްކަމަށާއި ކޮންމެ ޝިފްޓެއްގައި 5 މީހަކު މަސައްކަތް ކުރަމުންދާގޮތަށް ހަމަޖައްސާފައިވަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މި މީހުންނަށް މަސްކެނޑުމަށްފަހު އުކާލަންޖެހޭ ތަކެތި ފަޅުތެރެއަށް އަޅައިގެން ނުވާނެކަމަށް އަންގާފައިވާކަމަށާއި އެތަކެތި މާލެއިން ބޭރުކުރުުމުގެ އިންތިޒާމްވެސް ހަމަޖައްސަމުންދާކަަމަށް ސިފާ ވިދާޅުވިއެވެ. ސިފާ ވިދާޅުވީ ޑެލިވަރީގެ ޚިދުމަތުގައި އުޅޭމީހުން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްވެސް ނިންމާފައިވާކަމަށެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވީހާވެސް ބޮޑަށް އާއްމުން ތަންތަނަށް ދިޔަނުދިނުމަށްޓަކައިކަމަށެވެ.

މަސްމާރުކެޓު ހުޅުވާލުމުގެ މަސައްކަތް ކުރާއިރު ސިޓީ ކައުންސިލުން އަންނަނީ ލޯކަލް މާރުކޭޓުގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިވަގުތު ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ގަތުމަށް އުފައްދާފައިވާ އެގްރޯ ކުންފުންޏާއި ގުޅިގެން ލޯކަލް މާރުކޭޓަށް ބޭނުންވާ ބާވަތްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ސިފާ ވިދާޅުވިއެވެ.

މާލޭ ސިޓި ކައުންސިލުން އެންމެ ފުރަތަމަ އެންމެ އިސްކަމެއް ދީގެން ފުރަބަންދުގެ ޙާލަތުގައި ހުޅުވައި ޚިދުމަތް ދެވޭނެ ގޮތްތައް ހަދާފައިވަނީ ކުދި ފިހާރަތަކެވެ. އެގޮތަށް އެކަން ކޮށްފައިވަނީ ޢާއްމުކޮށް ގެއަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ އެފަދަ ފިހާރަތަކުންކަމަށްވުމުންނެވެ.