ޚަބަރު

ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުން މިމަހުގެ 22 ވަނަ ދުވަހު


މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުން މިމަހުގެ 22ވަނަ ދުވަހު ނެގުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމަވައިފިއެވެ.

މިގޮތުން ހަނދު ސާބިތުކުރުމުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިރުއޮއްސި 7:30އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނުވަތަ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުންނެވެ. މިއަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ދުށްމީހަކު ނުވަތަ ބަޔަކަށް ހެކިބަސް ދެވެނޭ އިންތިޒާމު، ވަނީ ހަމަޖައްސާފައެވެ.

އެހެންނަމަވެސް މިދުވަސްވަރަކީ ކޯވިޑް-19އާގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްވަރަކަށްވާތީ، ރާއްޖޭގެ ރަށަކަށް ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ، އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުން ޢާއްމުކުރައްވާފައިވާގޮތަށް ޢަމަލުކޮށް ހެކިބަސް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ.

މާލޭގައި ނަމަ، 7704777 ނަންބަރު ފޯނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ގުޅައި އެމަޢުލޫމާތު ޙިއްޞާކޮށް އެޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުތަމީގައި ހެކިބަސް ދިނުމަށް ވަނީ އެދިފައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ އަންގަވާފައެވެ.