ޚަބަރު

ފުލުހުންގެ އޮޕަރޭޝަންތަކުގައި "ޓޭޒަރ ގަން" ބޭނުންކުރަން ފަށައިފި


ފުލުހުންގެ އޮޕަރޭޝަންތަކުގައި "ޓޭޒަރ ގަން" ބޭނުންކުރަން ފަށައިފިއެވެ.

ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން ނުވަތަ ޓޭޒރ ގަން ޓްރައަލްގައި ބޭނުންކުރަން ފަށާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

"ޓޭޒަރ ގަން" ބޭނުންކުރަންފެށިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަށް ކުޑަކުރުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އަންނަކަން އެމަނިފާނު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޓޭޒަރ ގަން ބޭނުންކުރަންފެށީ ފުލުހުންގެ އޮޕަރޭޝަންތައް ހިންގާއިރު ފުލުހުންގެ ރައްކާތެރިކަމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައިކަމަށެވެ. އެގޮތުން މިއީ ހަމަނުޖެހުންތަކާއި މާރާމާރިފަދަ ކަންކަން ހުއްޓުވުމުގައި ޙަރަކާތްތެރިވާ ފުލުސް އޮފިސަރުންނާއި އާންމުންގެ ރައްކާތެރިކަމަށް ބޭރުގެ ޤައުމުތަކުގައިވެސް ބޭނުންކޮށް މިފަދަ ކަންކަން ކޮންޓްރޯލްކުރުމުގައި އެކަށޭނަ ނަތީޖާ ލިބޭ އާލާތެއްކަން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާހަގަކުރައްވާފައެވެ. "ޓޭޒަރ ގަން" ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޓްރައިލް ނިންމުމަށްފަހު އެކަމަށް ދޭންޖެހޭ ތަމްރީން އޮފިސަރުންނަށް ދިނުމަށް ފަހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓް

މި ޓޭޒަރ ގަންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޙާލަތާއި ގުޅޭގޮތަށް ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ކަމަށާ، އަދި މި އާލާތް ބޭނުންކުރާ ފުލުހުން ބޮޑީ ކެމް ނުވަރަ ފޭރާމުގައި ހަރުކުރާ ކެމެރާވެސް ބޭނުންކުރަން ޖެހޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި މިހާރުވެސް ފުލުހުން ދަނީ ފޭރާމުގައި ހަރުކުރާ ކެމެރާ ބޭނުންކުރަމުންނެވެ. ޕްރޮންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރަން ފަށާފައިވާ މި ކެމެރާ ތަކަކީ ފުލުހުންނަށާއި އާންމުންނަށް ދިމާވާ އެކި ހާދިސާތަކުގައި އެހީތެރިވުމަށާއި ހެކި ހޯދުމުގައި ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.

ފޭރާމުގައި ހަރުކުރެވޭ ކެމެރާ ފުލުހުން ބޭނުން ކުރަން ފެށިކަން ހާމަކޮށް ސީޕީ ކުރެއްވި ޓުވީޓް

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ޒަމާނީ އާލަތްތައްވެސް ދާދިފަހުން ވަނީ ރާއްޖެ ގެނެސް ބޭނުންކުރަން ފަށާފައެވެ. އެގޮތުން މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބާރުގެ ބޭނުންކޮށްގެން ތަންތަނަށް ވަންނަން ބޭނުންކުރާ ހައިިޑްރޯލިކް އިކްއިޕްމެންޓާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ޒަމާނީ އާލާތްތައްވެސް ފުލުހުން ދަނީ ބޭނުންކުރަމުންނެވެ.

ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ޒަމާނީ އާލަތްތައް ބޭނުންކުރަން ފެށިކަން ހާމަކޮށް ސީޕީ ކުރެއްވި ޓުވީޓް

މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު ފުލުހުންވަނީ ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށާފައެވެ. އެގޮތުން 320 ކިލޯމީޓަރު ބާރުމިނާ ހަމައަށް ދުއްވާ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިކޯޑުކޮށް ރައްކާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކް މޮނީޓަރ ކުރުމަށް ފުލުހުން ކުރިއަށްގެންދާ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަންނަނީ މި ގަން ބޭނުންކުރަމުންނެވެ. އެންމެ ފުރަތަމަ ސްޕީޑުގަން ރާއްޖޭގައި ޓްރެފިކް މޮނީޓަރކުރުމަށް ބޭނުންކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ. ފުލުހުންދަނީ ސިނަމާލެ ބްރިޖް އަދި ހުޅުލެ ހުޅުމާލެ ގުޅުވައިދޭ ހައިވޭގައިވެސް ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތްކުރަމުންނެވެ.