ޚަބަރު

ނަވާޒުއްދީން ސިއްދިޤީގެ އަންހެނުން ވަރިވާން ނޯޓިސް ފޮނުވައިފި


ބޮލީވުޑްގެ ހުނަރުވެރި އެކްޓަރ ނަވާޒުއްދީން ސިއްދިޤީގެ އަންހެނުން އާލިޔާ ސިއްދިޤީ ކައިވެނި ރޫޅާލަން އުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ. އަދި މިހާރު ނަވާޒުއްދީނަށް ނޯޓިސް ފޮނުވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އާލިޔާގެ ލޯޔަރ އަބޭ ސަހާއީ ޒީ ނިއުސް އާ ވާހަކަދައްކަމުން ބުނެފައިވަނީ ވަރީގެ ނޯޓިސް ފޮނުވާފައިވާނީ އީމެއިލް އަދި ވަޓްސް އަޕް މެދުވެރިކޮށް ކަމަށްށެވެ. އޮންލައިންކޮށް ނޯޓިސް ފޮނުވަން ޖެހުނީ ކޯވިޑް 19 ގެ ސަބަބުން ޕޯސްޓް މެދުވެރިކޮށް ނޯޓިސް ފޮނުވެން ނެތުމުން ކަމަށެވެ. މިމަހުގެ 7 ވަނަ ދުވަހު ފޮނުވި މި ނޯޓިސް އަށް ނަވާޒުއްދީން އަދި އެއްވެސް ޖަވާބެއް ނުދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން އަބޭ ބުނެފައިވަނީ ވަރިވާން ނޯޓިސް ފޮނުވި ސަބަބުތައް ހާމަކުރެވެން ނެތްކަމަށާއި އެހެން ނަމަވެސް އެނޯޓިސްގައި ނަވާޒުއްދީނާއި އޭނާގެ އާއިލާގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ނަވާޒުއްދީންގެ އަންހެނުން އާލިޔާ އޭބީޕީ ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނާ އާއި ނަވާޒުއްދީނާއި ދެމެދު އޮތީ އެންމެ މައްސަލައެއް ނޫން ކަމަށާއި، ވަރަށް ގިނަ މައްސަލަތަކެއް ދެމީހުންގެ ދެމެދުގައި އެބަހުރި ކަމަށެވެ. ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހެންފެށީ ކައިވެންޏަށް އަހަރެއް ވީ އިރުން ފެށިގެން ކަމަށާއި، އޭގެ ފަހުން ހުރިހާކަމެއް ހައްލުކުރަމުން އައީ އޭނާ ކަމަށް އާލިޔާވަނީ ބުނެފައެވެ. އަދި ދެން އިތުރަށް މައްސަލަތައް ހައްލުކުރެވެން ނެތް ކަމަށް ވެސް އޭނަ ބުންޏެވެ.

އާލިޔާ ވަނީ މީގެ ދެމަސް ކުރިން އޭނާގެ އަސްލު ނަންކަމަށްވާ އަންޖަނާ އާނަންދު ކިޝޯރު ޕާންޑޭގެ ނަމަށް ނަން ބަދަލުކޮށްފައި ކަމަށްވެސް އާލިޔާވަނީ ބުނެފައެވެ.

ނަވާޒުއްދީނާއި އާލިޔާ ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. 10 އަހަރު ވީ މި ކައިވެންޏަށް ވަނީ 2 ކުދިންވެސް ލިބިފައިއެވެ.

ނަވާޒުއްދީންވަނީ މިމަހުގެ 12 ވަނަ ދުވަހު އޭނާގެ އުފަން ރަށް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ ބުދާނާއަށް ގޮސްފައެވެ. ނަވާޒުއްދީން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނި އޭނާ ރަށައް ދިޔައީ ކޮއްކޮ ނިޔާވުމާއި ގުޅިގެން އޭނާގެ މަންމަ ވަރަށް ބަލިވެ އުޅޭތީކަމަށެވެ. އަދި ދިޔައީ ސަރުކާރުން ނެރެފައިވާ އުސޫލުތަކަށް އަމަލުކޮށްގެން ކަމަށް ވަނީ ބުނެފައެވެ.

ނަވާޒުއްދީން ކުރި ޓުވީޓެއް

ކޯވިޑް 19 ހަލުވި ކަމާއި އެކު އިންޑިއާގައި ފެތުރެމުންދާތީ އެޤައުމުން ދަނީ ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިމަހުގެ ނިޔަލަށް ފުރަބަންދުވެސް ވަނީ އިތުރުކޮށްފައެވެ.

ނަވާޒުއްދީން ބޮޑު ސްކްރީނުން އެންމެ ފަހުން ފެނިގެން ދިޔައީ އަތިޔާ ޝެޓީ އާއި އެކު ފިލްމް "މޯޓީޗޫރް ޗަކްނާޗޫރް" އިންނެވެ. ދެބާމިތްރާ ބިސްވާލް ޑައިރެކްޓްކުރި މި ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ

މޯޓީޗޫރް ޗަކްނާޗޫރްގެ ޓްރެއިލަރ
ގޫމްކެޓޫގެ ޓްރެއިލަރ

ނަވާޒުއްދީންގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 22 ވަނަ ދުވަހު ޒީގެ ޑިޖިޓަލް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ޒީ 5 އިން ޕްރިމިއަރ ކުރާ ފިލްމް "ގޫމްކެޓޫ" އިންނެވެ. މި ފިލްމުގައި ނަވާޒުއްދީނާއެކު އަނޫރާގް ކަޝަޕްވެސް ފެނިގެން ދާނެއެވެ.