އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި އޭނާގެ ސިޔާސީ ވާދަވެރިޔާ އަބްދުﷲ އަބްދުﷲ ގުޅިގެން ވެރިކަންކުރައްވަން އެއްބަސްވެއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އަޝްރަފް ޣަނީކަމަށް އެޤައުމުގެ އިންތިޚާބާބެހޭ ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ. ނަމަވެސް އަބްދުﷲ އަބްދުﷲވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ދެކޮޅުހައްދަވާފައެވެ. އަދި އަޝްރަފް ޣަނީ ރަސްމީކޮށް ވެރިކަމާ ޙަވާލުވެވަޑައިގަތުމުން އަބްދުﷲ އަބްދުﷲވަނީ އަމިއްލައަށް ރަސްމިއްޔާތެއް ބާއްވަވާ ރައީސްކަމުގެ ހުވައިކުރައްވާފައެވެ. އެއާއެކު އަފްޣާނިސްތާނުގައި އުފެދިފައިވާ ސިޔާސީ އަދި ދާޚިލީ ނުތަނަވަސްކަން އިތުރުވެ، އެ ޤައުމުން އެމެރިކާއާއި ގުޅިފައިވާ ބައިނަލްއަޤްވާމީ ފައުޖުތައް ފޭބުމަށް ޠާލިބާނުންނާއެކުވެފައިވާ އެއްބަސްވުމަށްވަނީ ހިޔަނިއެޅިފައެވެ.
ގުޅިގެން ވެރިކަން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރައީސް ޣަނީ ވިދާޅުވީ އެއީ ތާރީޚީ ދުވަހެއްކަމަށާއި އަފްޣާނިސްތާނުގެ ރައްޔިތުން ޤައުމުގެ މަސްލަޙަތު އިސްކުރާކަން ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އެއްބައިވަންތަކަމާއި އެއްބާރުލުމާއެކު މަސައްކަތްކޮށް އެޤައުމުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާ ޞުލްޙަ ޤާއިމްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ދެބޭފުޅުންގެ މެދުގައި ސަރުކާރުގެ މަޤާމުތައް ބަހާނެގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އަބްދުﷲ އަބްދުﷲ ބޭނުންވަނީ ޚާރިޖީ ވުޒާރާ ނުވަތަ މާލީ ވުޒާރާފަދަ މައި އިދާރާއެއް ހިންގަވާށެވެ. އެކަމަށް ޣަނީ އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.