ޚަބަރު

ސޫރިޔާއާއި ޢިރާޤުގައި ތިބި އެމެރިކާ ސިފައިން ބާލާނެކަމަށް އީރާނުން ބުނެފި


ސޫރިޔާއާއި ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުތަކުން ފޮނުވާލައްވާނެކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ޚާމީނީ ވިދާޅުވީ އަފްޣާނިސްތާނާއި ޢިރާޤާއި ސޫރިޔާއާމެދު އެމެރިކާއިން ޢަމަލުކޮށްފައިވާގޮތުގެ ސަބަބުން އެޤައުމާ ދެކޮޅަށް ރުޅިވެރިކަން އުފެދިފައިވާކަމަށެވެ. އަދި އެމެރިކާ ސިފައިންނަށް ޢިރާޤާއި ސޫރިޔާގައި ދެމިނުތިބެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުންދަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން އެޤައުމުތަކުން ފޭބުމަށް ގޮވާލަމުންނެވެ. މިދިޔަ ޖެނުއަރީ މަހު އެމެރިކާއިން ދިން ޑްރޯން ޙަމަލާއެއްގައި އީރާނުގެ ނުފޫޒުގަދަ އަސްކަރީ ވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ މަރުވުމުން އެމެރިކާއާއި އީރާނާދެމެދު އޮތް ނުތަނަވަސްކަންވަނީ އިތުރުވެފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުންވަނީ އަވަށްޓެރި ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ޙަމަލާތަކެއް ދީފައެވެ.

މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހުރަސްއަޅާ އީރާނުގެ މަނަވަރުތަކަށް ޙަމަލާދިނުމަށް އަމުރުކުރައްފައެވެ. އަދި އޭގެ ފަހުންވަނީ އަސްކަރިއްޔާއިން އިސްވެ ޙަމަލާދިނުމުގެ ޤަވާއިދުތަކަށް ބަދަލުނުގެންނަވާނެކަމަށް ވިދާޅުވެފައެވެ. އީރާނުންވަނީ ގަލްފުގެ ސަރަޙައްދުތަކުގައި އީރާނަށް ހުރަސްއަޅާނަމަ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަށް އީރާނުން ޙަމަލާދޭނެކަމަށް ބުނެފައެވެ.