ޚަބަރު

ނަތަންޔާހޫއާއި ގެންޓްޒްގެ ގުޅިފައިވާ ސަރުކާރުން އިސްރާއީލުގެ ވެރިކަމާ ހަވާލުވެއްޖެ


އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ބެނީ ގެންޓްޒް ގުޅިގެން އުފައްދާފައިވާ ސަރުކާރަށް އެޤައުމުގެ ވެރިކަން ރަސްމީކޮށް ޙަވާލުކޮށްފިއެވެ. އެއާއެކު އެޤައުމުގައި އެތައް އަހަރެއް ވަންދެން ހިނގަމުންދިޔަ ސިޔާސީ ކޯޅުންވަނީ ނިމުމަކަށް އައިސްފައެވެ.

އިސްރާއީލުގައި ހަރުދަނާ ސަރުކާރެއް ނުއުފެއްދި 500އަށްވުރެ ގިނަ ދުވަސްވަނީ ފާއިތުވެފައެވެ. ފާއިތުވި އެއް އަހަރުގެ ތެރޭގައި އިސްރާއީލުގައިވަނީ ތިން އިންތިޚާބެއް ބާއްވައެވެ. ނަމަވެސް އެއްވެސް އިންތިޚާބަކުން ނަތީޖާއަކާ ހަމައަށް ނާދެވެއެވެ. މާރިޗު މަހު އިސްރާއީލުގައި ބޭއްވި ޢާންމު އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫވަނީ 120 މެންބަރުން ހިމެނިވަޑައިގަންނަވާ ޤާނޫނުހަދާ މަޖިލީހުގެ ސާފު އަޣްލަބިއްޔަތެއް ހޯއްދެވުމުގައި ނާކާމިޔާބުވެވަޑައިގެންފައެވެ. އަދި މަޖިލީހުންވަނީ އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ގެންޓްޒަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ދިނުމަށް ތާޢީދުކޮށްފައެވެ. ގެންޓްޒްވަނީ އޭނާ އެކުލަވާލެއްވި ސަރުކާރުގައި ނަތަންޔާހޫ ބައިވެރިކުރައްވާފައެވެ.

ނަތަންޔާހޫއާއި ގެންޓްޒްވަނީ ގުޅިފައިވާ ސަރުކާރެއް އުފެއްދުމަށް މިދިޔަ މަހުގެ ތެރޭގައި އެއްބަސްވެވަޑައިގެންފައެވެ. 3 އަހަރު ދުވަހަށް ދެމިގެންދާ އެއެއްބަސްވުމުގެ ދަށުން ފުރަތަމަ 18 މަސް ދުވަހު ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާނީ ނަތަންޔާހޫއެވެ. އެ މުއްދަތު ހަމަވުމުން ބާކީއޮތް މުއްދަތުގައި ބޮޑުވަޒީރުކަން ކުރައްވާނީ ގެންޓްޒެވެ.

ވެރިކަމުގެ ފުރަތަމަ ހަފުތާތަކުގައި އައު ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާ ކުރިމަތިލުމާއި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަޙޫދީން ވަޒަންވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތިވާނެ ބައިނަލްއަޤްވާމީ ފިއްތުންތަކާއި ފާޑުކިޔުންތައް ހިމެނެއެވެ.

އައު ސަރުކާރާމެދު ޤާނޫނުހަދާ މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން ދެއްވި ތަޤުރީރުގައި ނަތަންޔާހޫ ވިދާޅުވީ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީންނަކީ އިސްރާއީލުގެ ބައެއްކަމަށް އައު ސަރުކާރުން ކަނޑައަޅާނެކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ ޔަހޫދީ ދަރިފަސްކޮޅު އުފަންވެ އާލާވެފައިވަނީ ހުޅަނގު އައްސޭރީގައިކަމަށާއި އެތަނުގައި ހިނގަންޖެހޭނީ އިސްރާއީލުގެ ޤާނޫނުކަމަށެވެ. ނަމަވެސް ނަތަންޔާހޫގެ އައު ސިޔާސީ ބައިވެރިޔާ ގެންޓްޒް ދެއްވި ތަޤުރީރުގައި އެކަމަށް އިޝާރާތް ކުރައްވާފައެއް ނުވެއެވެ.