ޚަބަރު

އިސްލާމީ މަރުކަޒުގެ ބޭރުގައި ތަޅުންއަޅާ މާބްލް ޖަހަނީ


އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ވީހާވެސް ގިނަ ބަޔަކަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މިސްކިތުގެ ބޭރުގައި ތަޅުން އަޅައި މާބްލް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އިސްލާމިކް މަރުކަޒުގެ ވަށައިގެން ނަމާދުކުރުމަށް ބޮޑުކޮށްފައިވާ ސަރަހައްދުގައި ތަޅުން އަޅާއި މާބްލްޖަހަން ފަށާފައިވާއިރު، އެމަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުކޮށް މިވަގުތު ފެނުނު ކަމުގައި ވީނަމަވެސް، އެތަން އެއްކޮށް ހަދާ ނިމުމުން އެކަމުގެ ފަސޭހަކަން ރައްޔިތުންނަށް ފެނިގެންދާނެކަމަށެވެ. އެގޮތުން އިސްލާމީ މަރުކަޒުގެ އެތެރެއާއި ބޭރުގައި ވިހި ހާހާއި ފަންސަވިސް ހާހާއި ދެމެދުގެ އަދަދަކަށް މީހުންނަށް ޖަމާއަތުގައި ނަމާދުކުރެވޭނެކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތުގެ ބޭރުގައި ނަމާދުކުރުމަށް ތަޅުން އަޅާ މާބްލް ޖެހުމަށް ނިންމާފައިވާ ސަރަހައްދު އެއްކޮށް ހިޔާ ކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށްވެސް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ، އިސްލާމީ މަރުކަޒުގެ ވަށާފާރާއި ގޯތިތެރޭގައި އަޅާފައިވާ ތަޅުންގަނޑު ނަގައި، އެސަރަހައްދުގެ މަގުތަކުގައި އެއްސީދަލަށް ނަމާދުކުރާ މީހުންނަށް ސަފުހެދޭގޮތް ހެދުމުގެ މަސައްކަތް ކުރުމަށް އެސަރަހައްދުގައި ހުރި ޖުމްހޫރީ ބިނާވެސް އެސަރަހައްދުން ނަގާފައެވެ. އަދި އިސްލާމީ މަރުކަޒު ވަށައިގެންވާ މަގުތަކަކީ ދުއްވާ ތަކެއްޗަށް ނުވަދެވޭ މަގުތަކެއްކަމުގައި ހައުސިންގ މިނިސްޓަރީން ވަނީ ހަމަޖައްސާފައެވެ.