ޚަބަރު

ކޯވިޑް-19: ބައްޔާދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބިދޭސީ ވޮލަންޓިއަރުން އަދާކުރާ ދައުރަށްވެސް ތައުރީފު ޙައްގު


ބިދޭސީންގެ ވާހަކަ ޢާއްމު ގޮތެއްގައި ދެކެވޭއިރު އަބަދުވެސް ދެކެވެނީ ވަރަށްވެސް ނޭދެވޭ ކަންކަމާއި ގުޅުވައިގެންނެވެ. އެހެންނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ޙާލަތުގައި ރާއްޖޭގައި ތިބި ބައެއް ބިދޭސީންގެ ފަރާތުން އަންނަނީ އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރުމުގެ ރީތި ނަމޫނާ އެއް ފެންނަމުންނެވެ.

ކޯވިޑް ނަވާރައާއި ގުޅިގެން ދިވެހި ރެޑްކްރެސެންޓާއެކު ބައެއް ބިދޭސީން އަންނަނީ އަމިއްލައަށް ވޮލަންޓިއަރކޮށް އެންމެ ކުރީ ސަފުގައިވެސް ޙަރަކާތްތެރިވަމުންނެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި އެތައް ހާސް ބިދޭސީންނަށް ބޭނުންވާ ކޯވިޑް ނަވާރައިގެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމުގެ ކުރިންވެސް އެފަރާތްތަކުން އައީކޮށްދެމުންނެވެ. މިމަސައްކަތުގައި ބިދޭސީ ވޮލަންޓިއަރުން އައީ ވަރަށް ފުރިހަމައަށް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ގޮސްފައިވެއެވެ. މާލެ ތެރޭގައި ކުއްލިއަކަށް ބަލިފެތުރިއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތާއި ބަލިން ރައްކާތެރިވުމަށް ކޮންމެ ބިދޭސީއަކަށްވެސް އެނގެންޖެހޭ ހުރިހާ މަޢުލޫމާތެއް ވަނީ ފޯރުކޮށްދީފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަންސް އެންޑް ރިސޯސެސް މޮބިލައިޒޭޝަން މިޒީ މުސްތަފާ ވިދާޅުވީ ޕެންޑަމިކްގެ ކުރިންވެސް ބިދޭސީން ރެޑްކްރެސެންޓާއިއެކު މަސައްކަތްކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް ޕެންޑަމިކާއެކު އެފަރާތްތަކުގެ މަސައްކަތްތަކާއި އެހީތެރިކަންވެސް އިތުރުވެފައިވާ ކަމަުގައި އޭނާ ވިދާޅުވިއެވެ.

މިޒީ ވިދާޅުވީ މާލެ ތެރޭގައި ކޯވިޑް ފެތުރިގެން ގޮސްފައިވާ މިދަނޑިވަޅުގައި ބިދޭސީންނާއި ވާހަކަދައްކައި މުއާމަލާތުކުރުމުގައި ތަރުޖަމާނުންގެ ދައުރު އަދާކޮށްދެނީވެސް ބިދޭސީންކަމަށެވެ.

މީގެއިތުރުން މިދަނޑިވަޅުގައި ކޯވިޑް ނަވާރައާއި ގުޅިގެން ކުރިއަށް ގެންދާ އެކި ސަރވޭތަކާއި ސަޕޯޓު ސެންޓަރުތަކާއި ސައިކޯސޯޝަލް ސަޕޯޓު ދިނުމުގެ މަސައްކަތުގައިވެސް ބިދޭސީ ވޮލަންޓިއަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ މީހުން ދަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަމުންނެވެ. އެހެންނަމަވެސް ހަމަ އެމީހުންގެ ތެރެއިން އެތައް ބަޔަކު ދަނީ މިވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގައި ހިލޭ ސާބަހަށް ،މަސައްކަތް ކުރަމުންނެވެ.