މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑުޖަމާއަތާއި މިސްކިތްތަކުގެ ޖަމާއަތް ނުބޭއްވުމަށް ނިންމަވައި، އާއިލާ އާއި އެކު ގޭގައި އީދު ނަމާދު ކުރެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިއަންގަވައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ޤާއިމުކުރުމަކީ އިސްލާމް ދީނުގެ ވަރަށް މަތިވެރި ޝިޢާރެއްކަމަށެވެ. އެހެންނަމަވެސް މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ނުރައްކާތެރި ޢާލަމީ ވަބާއިން ރައްކާތެރިވުމަށްޓަކައި، ގެއިން ބޭރަށް ނުކުމެ އުޅުމާއި، ގިނަ މީހުން އެއްވެ އުޅުން މަނާވެ، މިސްކިތުގެ ޖަމާޢަތް ހުއްޓާލައި ގޭގައި މަޑުކުރަން ވަނީ ޖެހިފައި ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެމިނިސްޓްރީން ވިދާޅުވީ، މިފަދަ، ޝަރުއީ ޢުޛުރެއްގެ ސަބަބުން، ޢީދު ނަމާދުގެ ޢާއްމު ބޮޑު ޖަމާޢަތް ޤާއިމު ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިޢާރު ޤާއިމުކުރުން ޝަރުޢުވެގެންވާކަމަށެވެ. އެގޮތުން ޝަރުޢީ ޢުޛުރެއްގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާއެކު ޖަމާޢަތުގައި ޢީދު ނަމާދު ކުރައްވާކަމަށް ޞައްޙަ ރިވާޔަތްތަކުން ވާރިދުވެގެން އައިސްފައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ވިދާޅުވެފައެވެ.
އަދި އެފަދަ ޙާލަތުގައި ގޭގައި ޢީދު ނަމާދު ކުރާނީ، މައިދާނުގައި ނުވަތަ މިސްކިތުގައިވެސް ޢީދު ނަމާދު ކުރާ ގޮތަށް ކަމަށާއި، އެހެން ނަމަވެސް ޢީދު ނަމާދުގެ ޚުޠުބާއަކީ ޙާކިމާގެ ޢަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއްކަމަށް ވުމުން ގޭގައި އީދު ނަމާދު ކުރާއިރު ޚުތުބާކިޔުމެއް ނޯންނާނެ ކަމުގައިވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވިދާޅުވީ، ގޭގައި އެކަނިވެސް އީދު ނަމާދު ކުރެވިދާނެ ކަމަށާއި، އެހެންނަމަވެސް ގޭގެ އަހުލުންނާއިއެކު ޖަމާއަތެއްގައި އީދު ނަމާދުކުރުން އައުލާކަން ބޮޑުކަމަށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ބަޔާނުގައި ވަނީ، ގޭގައި އީދު ނަމާދު ކުރާނެ ގޮތްވެސް ކިޔައި ދެއްވާފައެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އީދު ނަމާދުގެ ޖަމާއަތް ބާއްވަމުން އައި މައިދާންތަކުގައެވެ. ނަމަވެސް ވިއްސާރަވުމާއި ގުޅިގެން އީދު ނަމާދުގެ ޖަމާއަތްތައް މިސްކިތްތަކުގައިވެސް އައީ ބާއްވަމުންނެވެ.
ކޯވިޑް-19 އާއި ގުޅިގެން ގުރޭޓާ މާލެ ސަރަހައްދުގައި މިސްކިތްތަކުގެ ޖަމާއަތްތައް ނުބާއްވާތާ 2 މަސްވަނީ ވެފައެވެ. އަދި މިމެއި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އަންގަވާފައެވެ.