ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރ ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅު


ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ހދ. އަތޮޅު ސުކޫލްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ތިން ރަށެއްގެ ސުކޫލަށް ޒިޔާރަތްކުރައްވައިފިއެވެ.އިއްޔެ އެޑިޔުކޭޝަން މިނިސްޓަރ ޒިޔާރަތް ކުރެއްވި ތިން ރަށަކީ ހދ. ފިނޭއާއި އެ އަތޮޅު ހިރިމަރަދޫއާ  ހަނިމާދުއެވެ. އެޑިޔުކޭޝަން މިނިސްޓަރ ވަނީ މި ތިންރަށުގެ ސްކޫލުތަކަށް ޒިޔާރަތްކުރައްވާ، ސްކޫލްތަކުގެ ސީނިއަރ މެނޭޖްމެންޓާއި، ސްކޫލުތަކުގެ ޓީޗަރުންނާއި ޕީޓީއޭގެ މެންބަރުންގެ އިތުރުން، ރަށު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ބައްދަލުވުންތަކުގައި އެޑިޔުކޭޝަން މިނިސްޓްރީން ކުރިޔަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވަނީ މައުލޫމާތުދެއްވާފައެވެ. ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި ކިޔަވާދިނުމުގައި ހުރި ގޮންޖެހުންތައް ބައްދަލުވުމުގެ ބައިވެރިންވަނީ މިނިސްޓަރާއި ހިއްސާކޮށްފައއެވެ. އެޑިޔުކޭޝަން މިނިސްޓަރގެ މިދަތުރު ފުޅަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކޮށްދެއްވުމުގެ ގޮތުން ކުރިޔަށްގެންދަވާ ޕްރޮގްރާމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ. އެޑިޔުކޭޝަން މިނިސްޓަރ މިއަދު އެ އަތޮޅުގެ ހަ ރަށަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.