ޚަބަރު

ޢީދާ ދިމާކޮށް މިޞްރުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަނީ


ކުރިއަށްއޮތް ފިޠުރު ޢީދާ ދިމާކޮށް މިޞްރުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމައިފިއެވެ. މިޞްރުގައި 12،229 މީހުންނަށް ކޯވިޑް-19 ޖެހި، 630 މީހުންވަނީ މަރުވެފައެވެ.

މިޞްރުގެ ބޮޑުވަޒީރު މުސްޠަފާ ކަމާލް މަދުބޫލީ ވިދާޅުވީ ޢީދު ޗުއްޓީގައި އެ ޤައުމުގައި އިޢުލާންކޮށްފައިވާ ކާފިއުގެ ގަޑި 4 ގަޑިއިރު ކުރިން ފަށާނެކަމަށެވެ. އެގޮތުން، އެ ދުވަސްތަކުގައި ކާފިއު ފަށާނީ ހަވީރު 5:00ގައެވެ. އަދި ޢީދު ދުވަހުން ފެށިގެން ކުރިއަށްއޮތް 6 ދުވަހުގެ މުއްދަތަށް ޢާންމު ދަތުރުފަތުރުކުރުން ހުއްޓާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ޕާކުތަކާއި ގޮނޑުދޮށްތައްވެސް ޢީދު ޗުއްޓީގައި ބަންދުވާނެކަމަށް މިޞްރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޢީދު ޗުއްޓީއަށްފަހުވެސް އިތުރު ދެ ހަފުތާގެ މުއްދަތަށް ކާފިއު ދެމިގެންދާނެއެވެ.

މިޞްރުގެ ކުޅިވަރު ކުލަބުތައް ޙަރަކާތްތެރިވުމާއި ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަ އެންމެ އަވަހަށް ދެވޭނީ ޖޫން މަހުގެ މެދުތެރޭގައި ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ޖޫން މަހުގެ ތެރޭގައި މިސްކިތްތައް ހުޅުވުމަށް އެ ޤައުމުގެ ސަރުކާރުން ވިސްނަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.