ކޯވިޑް-19ގެ މި ޙާލަތުގައިވެސް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއާއި ސްރީލަންކާއަށް ދިވެހިން ފޮނުވުމާ ގުޅޭގޮތުން އެ ދެ ޤައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ބޭސްފަރުވާއަށް ދިވެހިން އާންމުކޮށްދާ އިންޑިއާ އާއި ސްރީލަންކާއަށް ދިވެހިން ފޮނުވުމައްޓަކައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
މިވަގުތު އިތުރު ފަރުވާއަށް ބޭރަށް ފޮނުވަންޖެހިފައިވާ މީހުންގެ އަދަދު ހާމަނުކުރެއްވި ނަމަވެސް މަބްރޫކް ވިދާޅުވީ އެގޮތަށް ބޭރަށް ގެންދަންޖެހޭ މީހުން އެބަތިބިކަމަށާއި ބޭރަށް ގެންދާނީ އެންމެ ސީރިއަސް މީހުންކަމަށެވެ.
މިކަން ކުރުމަށްޓަކައި އެމީހުން އިންޑިއާ ނުވަތަ ސްރީލަންކާއަށް ގެންދާނެ ރޫޓްތައް ބޭނުންކުރެވޭނެގޮތާއި ގެންދެވޭނެ މީހުންގެ އަދަދުގެ އިތުރުން އެގޮތަށް ބަލިމީހުންގެ ގެންދިއުމުގެ ފުރުސަތުއޮތް ސިޓީތައް ދެނެގަތުމުގެ މަސައްކަތް ދެ ޤައުމާއެކު ކުރެވެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިންޑިއާ އާއި ސްރީލަންކާ ފުރަބަންދަށް ދިޔައިރުވެސް ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްގޮސް އެޤައުމުތަކުގައި ތިއްބެވެ. އަދި އެގޮތަށް ތިބި މީހުންގެ ތެރެއިން ރާއްޖެ ނާދެވިތިބި ބައެއް މީހުން ސަރުކާރުންވަނީ އަންބުރާ ޤައުމަށް ގެނެސްފައެވެ. އަދި މިހާރުވެސް އެކި ބަލިތަކަށް ފަރުވާ ހޯދުމަށާއި އެކި ބޭނުންތަކުގައި ގޮތުން ގޮސްތިބި މީހުންނާއި އާސަންދައިގެ ދަށުން ގޮސްތިބި މީހުން އިންޑިއާގެ އެކި ސިޓީތަކުގައި އެބަތިއްބެވެ.