ޚަބަރު

ކުވައިތާއި ޤަޠަރުގައި މާސްކު ނާޅާ ބޭރުގައި އުޅޭނަމަ ޖަލަށް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކުވައިތާއި ޤަޠަރުގައި މާސްކު ނާޅާ ބޭރަށް ނުކުންނަނަމަ ބޮޑެތި އަދަބުތަކެއް ދިނުމަށް ނިންމައިފިއެވެ. މާސްކު ނާޅާ ބޭރަށް ނުކުންނަ މީހުންނަށް ކުވައިތާއި ޤަޠަރުގައި ދޭން ނިންމާފައިވާ އަދަބުތަކުގެ ތެރޭގައި ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމާއި ޖަލަށްލުން ހިމެނެއެވެ.

ކުވައިތުގެ ޞިއްހީ ވުޒާރާއިން ބުނީ މާސްކު ނާޅާ ބޭރަށް ނުކުންނަ މީހުން 16،200 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެކަމަށާއި ނޫނީ ގިނަވެގެން 3 މަސްދުވަހަށް ޖަލަށްލާނެކަމަށެވެ. ޤަޠަރުގެ ޤައުމީ ޓީވީން ބުނެފައިވަނީ އެ ޤައުމުގައި މާސްކު ނާޅާ ބޭރަށް ނުކުންނަ މީހުން 55،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރާނެކަމަށާއި ނޫނީ ގިނަވެގެން 3 އަހަރަށް ޖަލަށްލާނެކަމަށެވެ.

ކުވައިތާއި ޤަޠަރު ހިމެނޭހެން ގަލްފުގެ 6 ޤައުމުގައި ކޯވިޑް-19ވަނީ ވަރަށް ބޮޑަށް ފެތުރިފަައެވެ. އެ ސަރަޙައްދުން 137،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 693 މީހުންވަނީ މަރުވެފައެވެ. އެ ސަރަޙައްދުގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނީ ދަތުރުވެރިންގެ ސަބަބުންނެވެ. ނަމަވެސް، މިހާރު އެ ސަރަޙައްދުގައި ބަލިމަޑުކަން ފެތުރެމުންދަނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައެވެ.

ކުވައިތުގައި ގާތްގަނޑަކަށް 15،000 މީހުންނަށް ކޯވިޑް-19 ޖެހި، 112 މީހުންވަނީ މަރުވެފައެވެ. އަދި ޤަޠަރުގައި 32،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 15 މީހުންވަނީ މަރުވެފައެވެ.