ޚަބަރު

އިންޑިޔާގައި ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


އިންޑިޔާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. ފުރަބަންދުގެ މުއްދަތު އިންޑިޔާގެ ސަރުކާރުން އިތުރުކޮށްފައިވަނީ މިމަހުގެ 31ވަނަ ދުވަހަށެވެ. އިންޑިޔާގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެޤައުމުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 95،000އަށްވުރެ އިތުރުވެ، ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު 3،000އަށް އަރާފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިޔާގެ ދާޚީލީ ވުޒާރާއިން ނެރުނު އަމުރެއްގައި ބުނެފައިވަނީ މަދަރުސާތަކާއި ވިޔަފާރި މަރުކަޒުތަކާއި ޢާންމުން އެއްވެއުޅޭ ޕާކުފަދަ ތަންތަން ފުރަބަންދުގެ މުއްދަތުގައި ބަންދުވާނެކަމަށާއި ބޮޑެތި އެއްވުންތައް ބޭއްވުން މަނާވާނެކަމަށެވެ. ނަމަވެސް، ޙާލަތު ރަނގަޅު ސަރަޙައްދުތަކުގައި ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދޭނެކަމަށް އަމުރުގައި ބުނެފައިވެއެވެ. ޙާލަތު ރަނގަޅު ސަރަޙައްދުތައް ކަނޑައަޅާނީ އެ ސަރަޙައްދުތަކުގެ އިދާރާތަކުންކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.

އިންޑިޔާގެ ދާޚީލީ ވުޒާރާއިން ނެރުނު އަމުރުން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތައް ފެށުމަށް މަގުފަހިވާނެއެވެ. ދާޚީލީ ވުޒާރާއިން އަމުރު ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރަބަންދުގެ އުޞޫލުތައް ލުއިކުރުމަށް މައި ސަރުކާރަށް ބާރުއެޅި ގިނަ ސްޓޭޓުތަކުންވަނީ ވިޔަފާރިކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާނެކަމަށް އިޢުލާންކޮށްފައެވެ.

އިންޑިޔާ ފުރަބަންދުކޮށްފައިވަނީ މާރިޗު މަހުގެ 25ވަނަ ދުވަހުއެވެ.