ހަތިޔާރާއި އަސްކަރީ ސާމާނު އުފައްދާ ކުންފުނިތަކުން ބޭރު އިންވެސްޓަރުންނަށް ޙިއްޞާ ދޫކުރާ މިންވަރު އިތުރުކުރާނެކަމަށް އިންޑިޔާއިން އިޢުލާނުކޮށްފިއެވެ.
އިންޑިޔާގެ މާލީ ވަޒީރު ނިރްމަލާ ސިތަރަމަން ވިދާޅުވީ ބޭރު ޤައުމުތަކުން އިންޑިޔާއަށް މުދާ އެތެރެކުރާ މިންވަރު ދަށްކުރުމުގެގޮތުން ހަތިޔާރު އުފައްދާ ކުންފުނިތަކުގައި ބޭރުގެ އިންވެސްޓަރުންނަށް އޮތް ފުރުޞަތުތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ. ބޭރުގެ އިންވެސްޓަރުންނަށް އޮންނަނީ ހަތިޔާރު އުފައްދާ ކުންފުނިތަކުގެ އެންމެ ގިނަވެގެން 49 އިންސައްތައެވެ. ނަމަވެސް އެޢަދަދު 74 އިންސައްތައަށް އިތުރުކުރުމަށް އިންޑިޔާގެ ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތަށް ޢަމަލުކުރުމުން އަސްކަރީ ސާމާނު އެތެރެކުރުމަށް ޚަރަދުކުރާ ނިސްބަތް ދަށްވެ، އަސްކަރީ ސާމާނު އަމިއްލައަށް އުފެއްދުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް އިންޑިޔާގެ ސަރުކާރުން ބުނެއެވެ. އެކަން ޙާޞިލްކުރުމަށް އިންޑިޔާއަށް އެތެރެނުކުރެވޭ އަސްކަރީ ސާމާނުގެ ލިސްޓަށް އިތުރު ސާމާނު އިތުރުކުރާނެކަމަށް އިންޑިޔާގެ ސަރުކާރުން ބުނެއެވެ.
އެގޮތަށް ކަންތައް ކުރުމުން އިންޑިޔާގެ އަސްކަރީ ސާމާނު އުފައްދާ ކުންފުނިތަކުގައި ބޭރުގެ އިންވެސްޓަރުންގެ ބާރު އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން އިންޑިޔާގެ ކުންފުނިތަކާއި ގުޅިގެން އަސްކަރީ ސާމާނު އުފެއްދުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އެދާއިރާއަށް ކުރާ ޚަރަދު އިތުރުވާނެކަމަށް ބެލެވެއެވެ.
ކޯވިޑް-19ގެ ސަބަބުން އިންޑިޔާގެ އިޤްތިޞާދަށްވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. އާމްދަނީ އިތުރުކުރުމުގެ ގޮތުން ޚަރަދުތައް ކުޑަކޮށް އަސްކަރީ ބޭނުމަށް އެތެރެކުރާ ސާމާނު ގަތުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުންވަނީ ގޮވާލާފައެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިޔާގެ މާލީ ވުޒާރާއިންވަނީ އަސްކަރީ ބޭނުންތަކަށް 62.1 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ. އިންޑިޔާއަކީ 2013ވަނަ އަހަރާ 2017ވަނަ އަހަރާ ދެމެދު އެންމެ ގިނަ ހަތިޔާރު އެތެރެކޮށްފައިވާ ޤައުމެވެ. އެޤައުމުން އެތެރެކޮށްފައިވާ މުދަލުގެ ޢަދަދު މުޅި ދުނިޔެއިން އެތެރެކޮށްފައިވާ ޢަދަދުގެ 12 އިންސައްތަ ޙިއްޞާކުރެއެވެ. އެޤައުމަށް އެންމެ ގިނަ ހަތިޔާރު އެތެރެކޮށްފައިވަނީ ރަޝިޔާއިންނާއި އިސްރާއީލުންނާއި އެމެރިކާއިންނެވެ. މިއަހަރު ކުރީކޮޅު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި އެޤައުމުން އަސްކަރީ ސާމާނު ބޭރުކުރާ މިންވަރު ދެގުނައަށް އިތުރުކުރަން ނިންމަވާފައެވެ. އަހަރެއްގެ މައްޗަށް މިހާރު އިންޑިޔާއިން ބޭރުކުރަނީ 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލެވެ.