ޚަބަރު

ތާރީޚުގެ ތެރެއިން 3000 ފޮޓޯ، މައުރަޒު ރައީސް ހުޅުއްވައިދެއްވައިފި


މިއަހަރު ފާހަގަކުރެވެމުންދާ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ބިލަބޮންގ ހައި އާއި ކެންގަރޫ ކިޑްސް އިން ހުށަހަޅާދޭ "ތާރީޚުގެ ތެރެއިން 3000" ފޮޓޯ މައުރަޒު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ.މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.ނޭޝަނަލް އާޓް ގެލެރީގައި އޮތް މި ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ)، އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ވަގުތު ނަގާފައިވާ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސޮއިކުރެއްވިއެވެ. އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ ވެސް ވަނީ އެ ފޮޓޯގައި ސޮއިކުރައްވާފައެވެ.މީގެ އިތުރުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ކެޕްޓަން، ރައީސުލްޖުމްހޫރިއްޔާއަށް ރަމްޒީ ހަދިޔާއެއް އެރުވިއެވެ.