ޚަބަރު

ރާއްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު އެޤައުމަށް ފުރުވާލައިފި


ރާއްޖޭގައި ތިބި ތައިލެންޑުގެ 148 މީހަކު މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ޤައުމަށް ފޮނުވާލައިފިއެވެ.

ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުންގެ ތެރެއިން ޤައުމަށް ދާން ބޭނުންވި މީހުން ފޮނުވާލާފައިވަނީ ރާއްޖޭގައި ހުންނަ ތައިލެންޑުގެ ކޮންސިއުލޭޓާއި ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބޭއްވި ޗާޓަރު ފްލައިޓެއްގައެވެ. މިއީ ރާއްޖޭގައި ތިބި ތައިލެންޑުގެ ރައްޔިތުން އެ ޤައުމަށް ގެންދިއުމަށް ބޭއްވި 3 ފްލައިޓެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި ފްލައިޓުގައި ތައިލެންޑުގެ 55 މީހަކު އެ ޤައުމަށް ގޮސްފައިވެއެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ފްލައިޓްގައި 131 މީހަކު ވަނީ ޤައުމަށް ގޮސްފައެވެ.

ރާއްޖޭގައި ހުންނަ ތައިލެންޑް ކޮންސިއުލޭޓުން ވިދާޅުވީ ރާއްޖޭގައި ތިބި ތައިލޭންޑްގެ ރައްޔިތުން ގެންދިޔުމަށް އިތުރު ފްލައިޓެއް އަދި ބާއްވާނެކަމަށާއި ތައިލެންޑަށް އެނބުރިދާން ބޭނުންވާ އެގައުމުގެެ ރައްޔިތުންނަށް މިއަދުގެ ނިޔަލަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

ތައިލެންޑް ރައްޔިތުން އެނބުރި ޤައުމަށް ފޮނުވާލަމުންދާއިރު މޯލްޑިވިއަން އިން ދަނީ ތައިލެންޑަށް ކާގޯ ދަތުރުތައް ވެސް ބާއްވަމުންނެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެކި ޤައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ގެނައުމާއި ރާއްޖޭގައި ތިބި އެކި ޤައުމުތަކުގެ ރައްޔިތުން އެ ޤައުމުތަކަށް ފޮނުވާލުމުގެ އިންތިޒާމްތައް ސަރުކާރުން ގެންދަވަނީ ހަމަޖައްސަވައިދެއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވުމަށް ޚާއްސަ ފްލައިޓްތަކެއް ވަނީ ބާއްވާފައެވެ.