ޚަބަރު

ތަސްދީގުކޮށްފައިވާ ހުރިހާ ޤާނޫނުތަކެއް އެކުލެވޭ ފޮތްބައެއް ނެރެފި


މިހާތަނަށް ރާއްޖޭގައި އެކުލަވާލާ ތަސްދީގު ކޮށްފައިވާ ހުރިހާ ޤާނޫނެއް އެކުލެވޭ ފޮތްބައިގެ ފުރަތަމަ އަދަދު މިއަދު ނެރެފިއެވެ.ރާއްޖޭގައި މިހާރު އަމަލުކުރަމުންގެންދާ ޤާނޫނު އަސާސީއަށް 7 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތްބައި ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އައިޝަތު ބިޝާމްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛް މުހައްމަދު އަނިލް ވިދާޅުވީ ރާއްޖޭގައި ހުރި ޤާނޫނުތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ނުވަތަ އެންމެ ފުރިހަމަ ކޮންސޮލިޑޭޓް ފޮތްބައެއް ނެތުމުގެ ސަބަބުން ޤާނޫނީ މައްސަލަތަކެއް ނިކުންނަމުންދާ ކަމަށެވެ. އެގޮތުން ޤާނޫނުތަކާއި ހަވާލާދޭއިރު މިކަމުގެސަބަބުން ދަތިތަކެއް ދިމާވަމުންދާކަން ބަންޑާރަނައިބް ފާހަގަ ކުރެއްވިއެވެ.މީގެ އިތުރުން ރާއްޖޭގައި އަމަލުކުރާ ހުރިހާ ގާނޫނެއްގެ އެންމެ ފަހުގެ އިސްލާހުތައް ދެމެހެއްޓެނިވި ގޮތުގައި ޗާޕްކުރުމަށްފަހު ކުރިއަށް އޮތް 3 މަސް ތެރޭގައި ޝާއިއުކޮށް އާންމުކުރައްވާނެކަމަށާއި، 6 މަސްތެރޭގައި ހުރިހާ ގާނޫނެއް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ލިބޭނެގޮތް ހައްދަވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި އަހަރެއްހާ ދުވަސްތެރޭ ބައިނަލްއަގްވާމީ ޕޯޓަލްގައި މިޤާނޫންތައް ދިވެހިބަހާއި އިނގިރޭސިބަހުން ހިމެނުއްވޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.މިކަމުގެސަބަބުން ޤާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރަތްތަކަށް ފަސޭހަ ވެގެންދާނެކަމަށާއި، މިގާނޫނީ ފޮތް ބައި ވެގެންދާނީ މިސަރުކާރުގެ ފަޚްރަކަށް ކަމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ.ބަންޑާރަ ނާއިބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަމުންދާ 211 ގާނޫނެއް އެބައޮތްކަމަށެވެ. އަދި މިދިޔައަހަރު ސަރުކާރުން އިއުލާންކުރި ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ގާނޫނުތަކުގެ މަސައްކަތްތައް ނިމި އެގާނޫނުތައް ފާސްވެ އަމަލްކުރަން ފެށުމުން މި އަދަދު ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ދެގުނަވާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.ރާއްޖޭގެ ޤާނޫނުތައް ފޮތް ބައެއްގެ ގޮތުގައި އެކުލަވާލާފައިވަނީ އޭޝިއާ ސަރަހައްދުގެ މިފަދަ މަޝްހޫރު ކުންފުންޏެއްކަމަށްވާ ލެކްސިސް އެކްސިސް ކުންފުނީގެ އެހީތެރިކަމާއެކުގައެވެ. މި ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ އަހަރު ބަންޑާރަ ނާއިބުގެ އޮފީހުން އެންމެ ޕާފޮމަންސް ރަނގަޅު މުވައްޒަފުންނަށް މިނިވަން ފަންސާހުގެ ފިލާ ދީފައެވެ.