ޚަބަރު

މަބްރޫކުގެ ތަޢުރީފް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް


ކޯވިޑް-19ގެ މި ޙާލަތުގައި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ކުރައްވަމުންދަނީ އާދަޔާ ޚިލާފު ބުރަ، އެހާމެ ޒިންމާބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ތަޢުރީފްކުރައްވައިފިއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ ލެބޯޓްރީ ޓެކްނީޝަނުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންނުކުރެވޭފަދަ މޭރުމަކުން ނުވަތަ އެފަދަ ކުޑައިމީސް ބަހެއް ރައްދު ކުރެވިފައި ވާނަމަ އެކަމަށްޓަކައި މަޢާފަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާއަކީ ސިއްޙީ ދާއިރާގެ މީހެއް ނޫންކަމަށާ، ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ހަމާކުރެއްވުމުގެ މަސައްކަތާ ހަވާލުވީއްސުރެ ސިއްޙީ ދާއިރާގެ މީހުންނާއެކު ވަގުތައް ހޭދަކުރައްވާތީ އެފަރާތްތަކުގެ މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގަންނަވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ޚާއްސަކޮށް ކޯވިޑް-19އާ ގުޅޭ އެކިއެކި މައުލޫމާތާއި ފަރުވާގެ ކަންކަން ކުރިއަށްދާގޮތުގެ ކަންކަން ދެނެގަނެ އެކަންކަމުގެ މަޢުލޫމާތު ހޯއްދަވައި ކަންކަން ދަސްކުރައްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ހުއްޓުމެއްނެތި އެކުރާ މަސައްކަތަކުން އަޅުގަނޑުމެންނަށް ލިބޭ ނަތީޖާގެ ވާހަކަދައްކާއިރު، މިމަސައްކަތުގެ ކަވިކަމާއި، އުނދަގޫކަން އަދި މީގަ އޮތް ރިސްކް އަންދާޒާކުރަން ބައެއްފަހަރު އަޅުގަނޑުމެންވެސް ހަނދާންނެތޭ. އެކަމާ އަޅުގަނޑުވެސް ދެރަވަން. އަދި ނިހާޔަތަށް ޝުކުރުއަދާކުރަން ބޭނުންވޭ އެބޭފުޅުން އެކުރާ މަސައްކަތައް އަޅުގަނޑުމެން އެންމެންގެ ނަމުގައި" މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަބަދުވެސް ޑޮކްޓަރުންނާއެކު އިންނަވަނީ އޭނާއަކީ ޞިއްޙީ ދާއިރާގެ ޓެކްނިކަލް މީހަކަށް ނުވާތީ އެކަމުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ ބޭނުމުގައިކަމަށެވެ.

އެގޮތުން ލިބުނު ފުރުސަތެއްގައި އައިޖީއެމްއެޗްގެ ލެބޯޓްރީއަށްގޮސް "ޕީސީއާރު ޓެސްޓް" ހެދުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވާލެއްވިކަން މަބްރޫކް ހާމަކުރެއްވިއެވެ. މިއާއެކު ލެބޯޓްރީ ޓެކްނޮލޮޖިސްޓުންކުރަނީ ވަރަށް ތަފާތު އަދި ވަކިހުނަރެއް ހުރެގެން ކުރެވޭނެ މަސައްކަތްތަކެއްކަން ހާމަވިކަމަށާ، ސާމްޕަލްތަކުގެ ނަތީޖާ ލިގެންދަނީ އެޓެކްނީޝަނުން ރެއާއި ދުވާލުކުރައްވާ ބުރަ މަސައްކަތުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.