ޚަބަރު

އައްޑޫން ވިއްސާރައިގަ ގެއްލުންވި ފަރާތްތަކަށް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އެއްލައްކަ ރުފިޔާ


އައްޑޫސިޓީ އަށް ކުރި ވިއްސާރާއިގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އަލްމަރްހޫމް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އެއްލައްކަ ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މިއެހީ ގެއްލުންވި ފަރާތްތަކަށް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް އައްޑޫގެ ގުޅިފައިވާ ރައްތަކުން 636 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. މިވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ފޭދޫއަށެވެ. ފޭދޫގެ 544 ގެއަކަށް ފެން ވަދެފައިވާއިރު ހިތަދޫ 28 ގެއަކަށާއި، މަރަދޫ 20 ގެއަކަށާއި، މަރަދޫ ފޭދޫ 44 ގެއަކަށް ފެންވަދެފައިވާ ކަމަށް ސިޓީ ކައުންސލުންވަނީ ހާމަކޮށްފައެވެ.

މިއީ މިފަހުން ފޭދޫގެ މިހާގިނަ ގޭގެއަށް ވިއްސާރައިގައި ގެއްލުންވި ފަހަރު ކަމަށާއި، ފޭދުއަށް މިހާ ބޮޑަށް ގެއްލުންވި ސަބަބު ބެލި ބެލުމުގައި، ރަށުން ފެން ބޭރު ކުރުމަށް އަޅާފައިވާ ހޮޅިތައް ބެދިފައިވާ ކަން ފާހަގަ ކުރެވުނުކަމަށް ސިޓީ ކައުންސިލުގެ މޭޔަރ ޢަބްދުﷲ ޞާދިޤުވަނީ ވިދާޅުވެފައެވެ. މި ހޮޅިތައް ބެދެން މެދުވެރިވީ ކީއްވެގެންތޯ ބަލަމުންދާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

މިވިއްސާރައިގައި ގެއްލުންވި ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އަދި ގެއްލުންވި ގޭގެއަށް ދާއިމީ އެހީތެރިކަމެއް ފޯރުކޮށްދެވޭނޭ ގޮތްތަކާއި، ރަށްރަށުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ހަރުދަނާކުރުމާމެދު ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއާ މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.