ޚަބަރު

ވަށްބިންފަރުން ފެނުނީ މަތިންދާ ބޯޓެއްގެ ބައިތަކެއްތޯ ބަލަނީ


ކ. ބަނިއަން ޓްރީ ވަށްބިންފަރަށް މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށްބެލޭ އެއްޗެހިތަކެއް ލެއްގުމާއި ގުޅިގެން، އެމައްސަލަ ތަހުޤީޤުކުރުމަށް ފުލުހުންނާއި، ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުންދާކަމަށް ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފިއެވެ. މި މައްސަލައާއި ގުޅިގެން ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ސިވިލް އެވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ، ވައްބިންފަރު ރިސޯޓުން ފެނުނުކަމަށް ބުނާ މަތިންދާ ބޯޓުގެ ބައިތައް ތަހުޤީޤުކުރުމަށް ޓަކައި ފުލުހުންނާއި، އެ އޮތޯރިޓީގެ ޚާއްސަ އިންވެސްޓިގޭޝަން ޓީމެއް މިހާރު އެ ރިސޯޓުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި އެ ރިސޯޓުން ފެނުނީ ސީދާ މަތިންދާ ބޯޓެއްގެ ބައިތަކެއްކަން މިވަގުތު ބުނަން ނޭންގޭކަމަށާއި، އެއީ މަތިންދާ ބޯޓެއްގެ ބައިތަކެއްކަން ޔަޤީންކަމާއެކު ބުނަން އެނގޭނީ ކަމާބެހޭ ފަރާތްތަކަށް އެތަކެތި ފޮނުވައި، ތަހުލީލުތައް ކުރުމަށްފަހު ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ. މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު، ކ. ބަނިއަން ޓްރީ ވައްބިންފަރަށް ލެއްގި ކަމަށް ބުނާ މަތިންދާ ބޯޓެއްގެ ބައިތަކެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.