ޚަބަރު

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަތޮޅުތަކަށް 10435 ބަސްތާގެ ކާޑު ފޮނުވައިފި


މިމަހުގެ 2ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯއިން އަތޮޅުތަކުގެ ރަށްރަށައް 10435 ބަސްތާގެ ކާޑުފޮނުވައިފިއެވެ.

މިގޮތުން 90 ދޯންޏެއްގައިވަނީ ރަށްރަށައް ކާޑުގެ ބާވަތްތައް ފޮނުވާފއެވެ. މީގެ ތެރޭގައި ހިމެނނީ 4235 ބަސްތާގެ ހަނޑުލާއި 1966 ބަސްތާގެ ހަކުރާއި 2440 ބަސްތާ ފުށެވެ. އަތޮޅުތަކަށް އެސްޓީއޯއިން ފޮނުވި އެހެނިހެން ތަކެތީގެ ތެރޭގައި 689 ކޭހުގެ ބިހާއި 161 ބަސްތާ ފިޔައާއި 253 ބަސްތާ އަލުވި ހިމެނެއެވެ. މިތަކެތި މާލެއިން 109 ދޯންޏެއްގައި ވަނީ ގެންގޮސްފައެވެ.

އެސްޓީއޯއިން ހާމަކުރއްވި މަޢުލޫމާތަށް ބަލާއިރު މިމުއްދަތުގައި މޭލޭގެ ފިހާރަތަކަށް 7495 ބަސްތާގެ ކާޑުވަނީ ސަޕްލައިކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 3749 ބަސްތާ ހަނޑުލާއި 1582 ބަސްތާ ހަކުރާއި 2165 ބަސްތާގެ ފުށެވެ. މި ތެކެތި ފޮނުވާފައިވަނީ 917 އޯޑަރަށްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދަށް، 404 އޯޑަރަށް ވަނީ 1083 ކޭހުގެ ބިހާއި 1021 ބަސްތާ ފިޔައާއި 459 ބަސްތާގެ އަލުވި ސަޕްލައިކޮށްދީފައެވެ.

އެސްޓީއޯއިން އަންނަނީ މާލެއެކޭ އެއްގޮތަށް ރަށްރަށައް ބޭނުންވާ ކާޑައި އެހެނިހެން ތަކެތި ފޯރުކޮށްދެމުންނެވެ. ޑިމާންޑާ އެއްވަރަށް ކާޑުގެ ބާވަތްތަކުގެ ސްޓޮކް އެބަހުރިކަމަށާ، ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމުގެ ޔަޤީންކަން އެސްޓީއޯއިންވަނީ ދީފައެވެ.

އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިތަކެތި ފޯރުކޮށްދެމުންދާއިރު ބޭރުގެ ޤައުމުތަކުންވެސް އަންނަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް އެތެރެކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތައް ބާއްވައިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އަންނަނީ އެތެރެވެސް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 100އަށްވުރެ ގިނަ ޓަނުގެ ކަބޯތަކެތި ވަނީ ރައްޖެގެނެސްފައެވެ.