ޚަބަރު

އެސްއެމްއީ ބޭންކުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޫކުރާ ލޯނުގެ މިންވަރު 30،000 ރުފިޔާއަށް އިތުރުކޮށްފި


އެސްއެމްއީ ބޭންކް މެދުވެރިކޮށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭން ނިންމި ލޯނުގެ މިންވަރު 30،000 ރުފިޔާއަށް އިތުރުކުރުމަށް ނިންމައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ކޯވިޑް19 އާއި ގުޅިގެން އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ތައާރަފްކުރި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ ލޯނުގެ ގޮތުގައި ދޫކުރުމަށް ކުރިން ނިންމީ 18000 ރުފިޔާކަމަށެވެ.

ނަމަވެސް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް 30،000 ރުފިޔާ އަދި ކުދި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖުގެދަށުން ތަޢާރަފްކުރި މިލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފިނޭންސް މިނިސްޓްރީއާއި އެސްޑީއެފްސީ ގުޅިގެން ހުޅުވާލި މި ލޯން މެދުވެރިކޮށް ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދީ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީ ފޯރުކޮށްދެވޭނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހައެއް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ގިނަވެގެން ތިން އަހަރުދުވަހުގެ މުއްދަތުން އަދާކުރާގޮތަށެވެ. މިލޯނުގެ ޝަރުޠުތަކުގެތެރޭގައި ވިޔަފަރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ ދިހަ މިލިއަން ރުފިޔާއަށްވުރެ ދަށްވުމާއި ކޯވިޑް-19ގެ މިޙާލަތާ ގުޅިގެން އަދި ލޯނުއެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގައި ޝާމިލުވާ އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވުން ހިމެނެއެވެ.

ސަރުކާރުގެ އިކޮނަމިކް ރިލީފް ޕެޖޭޗްތަކުގެ ތެރެއިން އެސްޑީއެފްސީން 380 ފަރާތަކަށް 72 މިލިޔަންރުފިޔާ ދޫކުރުމަށް އެބޭންކުން ނިންމާފައިވާކަމަށާއި، މިހާތަނަށް 76 ފަރާތަކަށް 6.2 މިލިޔަން ރުފިޔާގެ ލޯން ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭންކްއޮފް މޯލްޑިވްސްއިން 111 ފަރާތަކަށް ލޯންދިނުމަށް އެބޭންކުން ނިންމާފައިވާކަމަށާއި، 83 ފަރާތަކަށް 109.6 މިލިޔަން ރުފިޔާގެ ލޯން ދޫކޮށްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.