ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސް ކުރައްވައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ވައިގަދަވެ ގަސްގަހާގެއްސާއި ގޯތިގެދޮރާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓްތައް އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. އަދި މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވުމާއިއެކު ގުގުރާ ބޯކޮށްވާރޭ ވެހޭނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވާކަމަށެވެ. އެހެންކަމުން ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުމާއި ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމާއި އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން މުހިންމު ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށް ގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ. އަދި ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ސަމާލުވުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.