ޚަބަރު

ކޯވިޑް-19 : ނުރައްކާތެރި ޙާލަތަށް ދާއިރު، ގޭގައި ކަރަންޓީނުވާންޖެހުމުގެ ފުރުޞަތު ބޮޑު


ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ އަޅުގަނޑުމެން މިހާރު ކަޑަތުކުރަމުންމިދަނީ މި ބަލިމަޑުގައި ރާއްޖެއަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ޙާލަތުގެ ދުވަސްވަރެވެ. މި ދުވަސްވަރަކީ ކޯވިޑް-19ގެ ކޭސްތައް އިތުރުވެ އެބަލީގެ މީހުންނާ ސީދާ ދިމާވާ މީހުންވެސް އިތުރުވާނެ ދުވަސްވަރަކަށް ވެދާނެކަމަށް މިވަނީ ބެލެވިފައެވެ. މި ސަބަބައްޓަކައި މީގެ ކުރިން އަމަލުކުރި ގޮތާ ޚިލާފަށް މިއަދު މިވަނީ ބައެއް ކަންތައްތައް ބަދަލުކުރަން ޖެހިފައެވެ.

ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ދުވަސްވަރު ޢަމަލުތައް ބަހައްޓަންވީގޮތުގެ މަޢުލޫމާތު ހާމަކުރައްވައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންވަނީ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ. މިޕެނަލް ޑިސްކަޝަންގައި އެޓީމުގެ ޑޮކްޓަރުންކަމުގައިވާ ޑރ.ނަޒްލާ ރަފީޤް، ޑރ. އަހުމަދު ޝަހީދު، ޑރ.ނަޒްލާ މުސްތަފާ އަދި ޑރ.މުއާޒް މޫސާ ވަނީ ކުރިއަށް އޮތް ދުވަސްވަރު އާންމުން ސަމާލުވާންވީ މުހިންމު ކަންތައްތައް ފާހަގަކުރައްވައި އިރުޝާދު ދެއްވާފައެވެ.

މި ޕެނަލްގައި ވާހަކަފުޅުދައްކަވަމުން ޕެނަލްގެ މޮޑަރޭޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ޑރ.ނަޒްލާ ރަފީޤްވަނީ މިހާރުވެސް ދުވާލެއްގެ މައްޗަށް 100 އާއި 150އާ ދެމެދުގެ ޢަދަދެއްގެ މީހުން ކަރަންޓީނު ނުވަތަ އައިސޮލޭޝަނަށް ލެވޭކަން ފާހަގަކުރައްވާފައެވެ. އަދި ބަލީގެ ހިރާސް ކުޑަ މީހުން ހޯމް ކަރަންޓީން ކުރަން ޖެހޭކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްވަރަކީ މިކަމަށް ބޮޑެތި ބަދަލުތަކެއް އައިސް މިހާރުހުރި ފެސިލިޓީތަކަށް ނުކަތާވަރަށް ބަލިމީހުން އަންނާނެ ދުވަސްވަރަކަށް ވެދާނެކަމަށް ލަފާކޮށްފައި ވުމުން އާންމުން ސަމާލުވުމަށް ޑޮކްތަރު ގޮވާލެއްވިއެވެ.

ހޯމް ކަރަންޓީންއަށް ދިއުމުން ސަމާލުކަން ދޭންވީ ކަންތައްތައް

(1) ކަރަންޓީނަށް ލުމުން މުޅިން އެކަހެރިވުން

ކޯވިޑް-19ގެ ބަލިމަޑުކަމަކީ އެކަކުގެ ގައިން އަނެކާގެ ގަޔަށް ފަސޭހައިން އަރާ ބައްޔަކަށް ވާއިރު، މިބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކީ އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމެވެ. އަދި ވަކިން ޚާއްސަކޮށް ބަލީގެ ނުރައްކާ އޮތްކަމަށް ބުނެ ކަރަންޓީނުކުރެވިއްޖެނަމަ މިކަމަށް އިތުރު އިސްކަމެއް ދޭން ޖެހެއެވެ. ވީހާވެސް އެހެން މީހުންނާއި ދުރުގައި އުޅުމަކީ މިބަލިން މުޅި މުޖުތަމައު ސަލާމްތްކޮށްދިނުމަށް އެޅޭނެ ފިޔަވަޅެވެ.

މާލެ ފަދަ ތޮއްޖެހިގެން ދިރިއުޅެމުންދާ ތަނެއްގައި ގައިދުރުކަމުގެ މިންގަނޑު ހިފެހެއްޓުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް ބަލީގެ ނުރައްކާ އޮތްކަމަށް ފެނި ކަރަންޓީނު ކުރެވިއްޖެނަމަ ދިރިއުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލަން ޖެހެއެވެ. އެގޮތުން ބަލި މީހާގެ އެއްޗެހި ދޮވުމާއި ކައިބޮއެހަދާ ތަކެތި ވަކިކޮށްގެން މިފިޔަވަޅުތައް އެކަށައެޅުން މުހިންމެވެ.

(2) ބަންދުގައި ހުންނަ ތަނަކީ ވައި ދައުރުވާ ގޮތައް ހުންނަ ތަނަކަށް ހެދުން

ބަލި ޖެހޭ މީހުން ނުވަތަ ކަރަންޓީންކުރާ މީހުން ތިބޭ ތަންތަނުގެ ވއިދައުރުވުން ރަނގަޅު ވުމަކީ މުހިންމުކަމެކެވެ. އެގޮތުން މިފަދަ ތަންތަނަކީ ކަރަންޓީންކުރާ މީހާ ހާސްވާފަދަ ގޮތަކަށް ބަންދުވެފައި ހުންނަ ތަނެއްނަމަ ހިތް ނުތަނަވަސްވެ ނަފްސާނީ ގެއްލުންތަކާ ކުރިމަތިލުމުގެ ފުރުސަތު އެބައޮތްކަމަށް ޑޮކްޓަރުން ހާމަކުރައްވައެވެ.

މި ބަލީގެ ވައިރަހަކީ ވައިގެ ޒަރިއްޔާއިން ދަތުރުކުރާ އެއްޗެއްކަމަށް މިހާތަނަށް ނުބެލެވެއެވެ. ބަލިމީހާ ހުންނަ ކޮޓަރީގެ ދޮރުތައް ހުޅުވާފައިި ބެހެއްޓުމަކުން ނުރައްކަލެއް ނެތެވެ.

(3) ސާފުތާހިރުކަން އިތުރުކޮށް ގިނައިން އަތްލެވޭ ތަންތަން ގިނައިން ސާފުކުރުން

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކަރަންޓީނުކުރާ މީހާ އުޅޭ ގޭގޭގައި ދިރިއުޅޭ މީހުންގެ ޒިންމާވެސް ވަރަށް މުހިންމެވެ. އެގޮތުން ގޭގެ އެންމެވެސް ބަލިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއް ދޭނެޖެހެއެވެ. އެއްޗެހި ދޮވުމުގައިވެސް މާގިނައިން އަންނައުނު ހާވަން ނެޖެހޭނެ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓަން ޖެހެއެވެ. އަދި ބެޑްޝީޓް ފަދަ ތަކެތި ނަގާއިރު ބެޑް ޝީޓް ނުފޮޅާ ދާ ވަށިގަނޑުތެރެއަށް ކޮތަޅަށް ލައިގެން ވީހާވެސް ކުޑަކޮށް އަތްލެވޭގޮތަށް ޢަމަލުތައް ބަހައްޓަންޖެހެއެވެ. އަދި ގިނައިން އަތްލެވޭ ތަންތަން ސާފުކުރުމަށް ގޭގައި އަމިއްލައަށް ބްލީޗާއި ފެން ބޭނުންކޮށްގެން "ހޯމް މޭޑް ޑިސްއިންފެކްޓެންޓް"އެއް ތައްޔާރު ކުރެވިދާނެއެވެ.

(4) ގޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ހިރާސް ބޮޑު މީހުން އުޅޭނަމަ އިތުރަށް ސަމާލުވުން

ކޯވިޑް-19 ބައްޔަކީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. މި ދުވަސްވަރު މިފަދަ މީހުން އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ. އުމުރުން ދުވަސްވީ މީހުންނާއި ހިރާސްބޮޑު މީހުން (ދިގު މުއްދަތަކަށް ބޭސްކުރާ މީހުން، ކެންސަރު ބަލީގެ ފަރުވާ ހޯދާ މީހުން، ދިފާޢީ ނިޒާމު ބަލިކަށި މީހުން) ވީހާވެސް އެކަހެރިކޮށް ގެންގުޅެ އެމީހުންނާ ސީދާ ދިމާވާ މީހުން މަދުކުރަން ޖެހެއެވެ. އެގޮތުން މި ފަދަ މީހުންގެ ރައްކަލައްޓަކައި ގޭގައި ދެން ދިރިއުޅޭ ދުޅަހެޔޮ މީހުންގެ ޒިންމާބޮޑެވެ.

(5) މާސްކު އެޅުން

މި ދަނޑިވަޅުގައި އެންމެން އުފައްދާ ސުވާލަކީ މާސްކް އަޅަންވީ ކާކުތޯ ކުރާ ސުވާލެވެ. އަޅުގަނޑުމެންނަށް މިބަލި އެންމެ ފުރަތަމަ ފެނުނު އިރު މާސްކް އެޅުމަށް ޑޮކްޓަރުން އެހާ ބޮޑަށް އިރުޝަދު ދީފައެއް ނުވެއެވެ. އެހެންނަމަވެސް މިހާރު މާލެ ސަރަހައްދުގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލީގެ ނުރައްކާ އޮތުމުން މާސްކްއެޅުމަށް މިވަނީ އިރުޝާދުދެއްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ކަރަންޓީނުކޮށްފައި ހުންނަ ގެތަކުގައި މި ފިޔަވަޅު އިތުރަށް ވަރުގަދަކުރަން ޖެހެއެވެ.

މިކަމުގައި ސަމާލުވާންވީ މާސްކް އެޅުމުގައި އަމަލުކުރަން އަންގާފައިވާ ގޮތައް މާސްކް އެޅުމަށެވެ. އެގޮތުން މާސްކް އެޅުމާއި ބޭލުމުގައި އަދި އެއްލާލުމުގައި ރައްކާތެރިގޮތުގައި ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ.

އެހެންކަމުން މި ކަންކަމަށް ސަމާލުވެ އަންނަން އޮތް ދުވަސްވަރު ކޯވިޑް-19އާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެނަމަ މި ބަލިން އަވަސް މުސްތަޤުބަލެއްގައި އަރައިގަނެވިދާނެކަމުގެ އުންމީދުބޮޑެވެ.