ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު ކަނޑުދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި


ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއްފިޔަވައި އެހެން ދަތުރުތައް މަޑުޖައްސާލުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފަށާފައިވާއިރު، އިންޑިއާގެ ބޭއޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ޑިޕްރެޝަން މާދަމާ މެންދުރެއްހާއިރު ތޫފާނަކަށް ބަދަލުވެގެންދާނެކަމަށާއި އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށް 45 މޭލާއި 50 މޭލާދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށެވެ.

މޫސުމާއިބެހޭ ޤައުމީ ޢިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒް ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ފާހަގަކުރެވުނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެގެންދިޔަ ވަގުތުތަކެއްގެ ގޮތުގައިކަމަށެވެ. މިއާއެކު މިއަދު މެންދުރުފަހާއި ހަމައަށް ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށްކަމަށް ޙާފިޒް ވިދާޅުވިއެވެ. އަދި މާލެއަށް އާދަޔާޚިލާފަށް ވައިބާރުވެ، އިތުރު ސަރަހައްދުތަކަށްވެސް މޫސުމީ ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ހާފިޒް ވިދާޅުވިއެވެ.

މިއާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވާނެކަމަށް ހާފިޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ކަނޑުގަދަވާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވާނި އެދިލައްވާފައެވެ.

"އަޅުގަނޑު 3 ކަމެއް ފާހަގަކޮއްލަން ބޭނުން. ކުރިއަށް މިއޮތް 24 ގަޑިއިރުގެ ތެރޭގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތުއެބައޮތް، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭ ހަމައެއާއެކު، ޚާއްސަގޮތެއްގައި ފާހަގަކޮށްލަންބޭނުންވޭ، ރާއްޖޭގެ ގިބަ ހިސާބުތަކަށް، ޚާއްސަކޮށް މެދުތެރެއާ އުތުރުގެ އަތޮޅަތަކަށް ކަނޑުތައް ވަރަށް ގަނަދވެގެންދާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ މަޑުޖައްސާލަށް އަޅުގަނޑުމެން އެދެން" ޢަބްދުﷲ ހާފިޒް ވިދާޅުވިއެވެ.

މިރޭގެ 10:00 އިން މެންދަމު 02:00 އަށް، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެތީ އެސަރަހައްދަށްވަނީ ރީނދޫ އެލަރޓް ނެރެފައެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާއިގައި، ވައިގަދަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީއަށާއި މާލޭސިޓީގެ އިތުރުން ށ. ބިލެއްފައްސަށާއި ބައެއް ރަށްރަށަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.