މުނިފޫހިފިލުވުން

ޖާންވީގެ "ގުންޖަން ސަކްސޭނާ"އާއި އިޝާންގެ "ކާލީ ޕީލީ" ނެޓްފްލިކްސްއަށް


ކޯވިޑް-19ގެ ސަބަބުން މަޑުޖެހިފައިވާ ބޮލީވުޑްގެ މަސައްކަތްތަކަށް އަލުން ދިރުންގެނެސް، މި މާޔޫސް ވަގުތުގައިވެސް ހިންދީ ފިލްމްތަކަށް ލޯބިކުރާ ސަޕޯޓަރުންގެ މޫނުމަައްޗަށް އުފާވެރިކަން ގެނެސްދިނުމަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން މިވަނީ މަސައްކަތް ފަށާފައެވެ.

މި ސީޒަންގައި ގިނަ ފިލްމްތަކެއް ޕްރިމިއަރކުރާގޮތަށް ކުރިން ހަމަޖެހިފައިއޮތް ނަމަވެސް، އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ޤައުމު ފުރަބަންދުކޮށްފައި ވުމުން، ގިނަ ފިލްމުތަކެއް ރިލީޒްކުރުން އަހަރުގެ ފަހުކޮޅަށް ވަނީ ފަސްކޮށްފައެވެ. ނަމަވެސް، ބައެއް ފިލްމުތައް އަހަރުގެ ފަހުކޮޅާ ހަމައަށް ފަސްނުކޮށް، ބެލުންތެރިންނާއި ހަމައަަށް ވީހާވެސް އަވަހަށް ގެނެސްދިނުމުގެ މަސައްކަތް ބައެއް ޕްރޮޑަކްޝަން ކުންފުނިތަކުން މިވަނީ ފަށާފައެވެ.

ސިނަމާތަކުގައި އެޅުވުމުގެ ބަދަލުގައި އޮންލައިން ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ބައެއް ފިލްމުތައް ޕްރިމިއަރކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެގޮތުން ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "ގުންޖަން ސަކްސޭނާ - ދަ ކާރްގިލް ގާލް" އާއި އިޝާން ކައްތަރާއި އަނަންނިޔާ ޕާންޑޭ ލީޑް ރޯލުން ފެނިގެންދާ "ކާލީ ޕީލީ" މި ދެ ފިލްމުވެސް ކޯ-ޕްރޮޑިއުސްކޮށްފައިވާ ޒީ ސްޓޫޑިއޯއިން އެމީހުންގެ އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމުގައި މި ދެ ފިލްމު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުން މިހާރު މިވަނީ މި ދެ ފިލްމުގެ ރައިޓްސް މަޝްހޫރު ސްޓްރީމިންގ މީޑިއާ "ނެޓްފްލިކްސް" އިން ގަނެފައިވާކަމަަށް ރިޕޯޓުކޮށްފައެވެ. ޒީ ސްޓޫޑިއޯގެ މަސްދަރަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން މި ދެ ފިލްމު ދެއްކުމުގެ ރައިޓްސް ނެޓްފިލްކްސްއަށް ވިއްކާފައިވަނީ އެންމެ ބުއްދިވެރިގޮތަކީ ޑައިރެކްޓް އޯޓީޓީ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެެއްގައި ފިލްމު ރިލީޒްކުރުންކަމަށް ފެންނާތީއެވެ. އަދި މިއީ އިޤްތިޞާދީގޮތުންވެސް މިފަދަ ދަނޑިވަޅެއްގައި އެންމެ ފައިދާހުރި ގޮތްކަމަށް ބުނެފައިވެއެވެ.

ނަމަވެސް މި ދެ ފިލްމް ނެޓްފްލިކްސްއަށް އަންނާނެ ސީދާ ވަކި ތާރީޚެއް ބުނަން ނޭނގޭކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރުގެ "ގުންޖަން ސަކްސޭނާ" ކުރިން ރިލީޒްކުރާގޮތަށް އޮތީ މިދިޔަ އޭޕްރީލްމަހުގެ 24 ވަނަ ދުވަހުއެވެ. ޝަރަން ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އަންހެން އެއަރފޯސް ޕައިލެޓް ގުންޖަން ސަކްސޭނާގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބަޔޯޕިކްއެކެވެ.

މި ފިލްމުގައި ޖާންވީގެ އިތުރުން، ޕަންކަޖް ތުރިޕާތީ، އަންގަދު ބޭދީ، ވިނީތު ކުމާރު ސިންގް އަދި މަނަވް ވިޖް މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ. 2018 ވަނަ އަހަރު އިޢުލާންކުރި މި ފިލްމުގެ ޝޫޓިންގ މިދިޔަ އޮކްޓޯބަރުމަހު ނިންމާލާފައިވާއިރު، މުޅި ފިލްމް ޝޫޓްކޮށްފައިވަނީ ލަކްނާއޯގަައެވެ.

ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްތަރާއި މަޝްހޫރު ކޮމޭޑިއަން ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންނިޔާ ޕާންޑޭ ލީޑްރޯލުން ފެނިގެންދާ "ކާލީ ޕީލީ"އަކީ ރޮމޭންޓިކް އެކްޝަން ފިލްމެކެވެ. މަަޤުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރާގޮތަށް ކުރިން ހަމަޖެހިފައިއޮތީ ޖޫން 12 ގައެވެ. ފިލްމުގައި ވިލަންއެއްގެ ރޯލުން ފެނިގެންދަނީ ޖަައިދީޕް އަހުލަވާތެވެ.

ޖާންވީ ކަޕޫރު އޭނާގެ ބޮލީވުޑް ޑެބިއު ހަދާފައިވަނީ އިޝާނާއެކުއެވެ. އެއީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ދަޅަކް"އިންނެވެ. މި ފިލްމުގައި ދެމީހުންގެ ފަރާތުންވެސް ފެނިގެންދިޔަ ކެމިސްޓްރީއަށް ގިނަ ބައެއްގެ ތަޢުރީފު ލިބުންއިރު، މި ފިލްމް ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ރަނގަޅު ޢާމްދަނީއެއް ހޯދާފައެވެ.

ކޮންމެއަކަސް ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިންގެ ލިސްޓުގައި ގުނާލެވޭ މި ދެތަރިންގެ ކުރިއަށްއޮތް 2 ފިލްމަކީވެސް ގިނަ ބަޔަކު ބަލާލުމަށް ކެތްމަދުވެފައިވާ 2 ފިލްމެވެ.