މުނިފޫހިފިލުވުން

އަމީތާބާއި އަޔުޝަމަންގެ "ގުލާބޯ ސިތާބޯ" އޮންލައިންކޮށް ޕްރިމިއަރ ކުރަނީ

ބޮލީވުޑް ސުޕަރސްޓަރ އަމީތާބު ބަޗަންނާއި މިހާރު އެންމެ ކާމިޔާބު އެއް ތަރި އަޔުޝްމަން ކުރާނާ އެކުގައި ފެނިގެންދާ "ގުލާބޯ ސިތާބޯ" ސިނަމާތަކުގައި އެޅުވުމުގެ ބަދަލުގައި އޮންލައިންކޮށް ޕްރިމިއަރކުރަން ނިންމަައިފިއެވެ.

މި ފިލްމް އޮންލައިންކޮަށް ޕްރިމިއަރކުރުމަަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 12 ވަނަ ދުވަހުއެވެ. ބޮލީވުޑްގައި އާއްމުކޮށް މިގޮތަަށް އޮންލައިންކޮށް ޕްރިމިއަރ ކުރަނީ ލޯ-ބަޖެޓް ފިލްމްތަކެވެ. ބޮޑު ބަޖެޓަކާ އެއްކޮަށް އުފައްދާ ގިނަ ފިލްމްތައް ޕްރިމިއަރކުރަނީ ތިއޭޓަރ ހަައުސްތަކުގައެވެ. އަދި ފިލްމް އިޝްތިހާރުކުރުމަަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކަށް ފިލްމްތައް ދޫކޮށްލަނީ ރިލީޒްކުރާތާ ދުވަސްތަކެއް ފަހުންނެވެ.

ނަމަވެސް ކޯވިޑް-19ގެ ސަބަބުން ބޮލީވުޑްގެ މަސައްކަތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި އޮންލައިން ޕްލެޓްފޯމްތަކަށް ފިލްމްތައް ދޫކޮށްލުމަށް ބައެއް ޕްރޮޑިއުސަރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ދުވަސްކޮޅެއް ކުރިން ވަނީ ފެތުރެން ފަށާފައެވެ.

"ގުލާބޯ ސިތާބޯ" ޕްރިމިއަރކުރަަނީ ވީޑިއޯ އޮން ޑިމާންޓްގެ ޚިދުމަތްދޭ ޑިޖިޓަލް ޕްލެޓްފޯމެއްކަމަށްވާ އެމެޒަން ޕްރައިމްއިންނެވެ. ހެއްވާ މަޖާ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި އަމީތާބާއި އަޔުޝްމާންގެ އިތުރުން ލީޑްރޯލުން ދެން ފެނިގެންދާނީ ސަބޫރް އެލީއެވެ.

އަޔުޝްމަން ބޮލީވުޑަށް ތައާރަފުކޮށްދިން ޑައިރެކްޓަރ ޝޫޖިތު ސަރްކަރ ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ ރޯނީ ލެހެރީ އާއި ޝީލް ކުމާރެވެ. މިއީ އަމީތާބުވެސް ޝޫޖިތާއި އެކު މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. އަމީތާބު ކުރިން ސުޖިތްއާއި އެކު މަސައްކަތްކޮށްފައިވަނީ "ޕީކޫ" ގައެވެ.

ފިލްމު އޮންލައިންކޮށް ޕްރިމިއަރކުރުމާ ގުޅޭގޮތުން ޑައިރެކްޓަރ ޝޫޖިތު ބުނެފައިވަނީ އޭނާގެ މި ނިންމުމާމެދު ހިތްހަމަޖެހޭކަމަށާއި، ފިލްމާމެދު ކުރެވޭ އުއްމީދުތައްވެސް ބޮޑުކަމަށެވެ.

"މިއީ މުނިފޫހިފިލުވުމުގެ ސިނާޢަތަށް އައު ޒަމާނެެއް. މިގޮތަށް ގްލޯބަލް އޯޑިއަންސްއަކަށް ފިލްމު ދޫކޮށްލެވޭތީ ވަރަށް އުފަލުން މިހުރީ. މިއީ އާއިލާއެކީ ބަލާލުމަށް ކަމުދާނެހެން ހެއްވާ މަޖާ ކަންތައްތަކެއް ހިމަނައިގެން ހަދާފައިވާ ފިލްމެއް. އުއްމީދަކީ އެންމެނަށްވެސް ކަމުދާނެކަމަށް" ޝޫޖިތު ބުނެފައިވެއެވެ.

މި ފިލްމާގުޅޭގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބޮލީވުޑް ޝެހެންޝާގެ ނަމުން މަޝްހޫރުވެފައިވާ އަމީތާބު ބުނެފައިވަނީ 1969 ވަނަ އަހަރުން ފެށިގެން މިވީ 51 އަހަރުގެ ފިލްމީ ކެރިއަރުގައި ތަފާތު ގިނަ ގޮންޖެހުންތަކާ އޭނާ ކުރިމަތިލާފައިވާ ކަމަށާއި، މިއީވެސް އެފަދަ ގޮންޖެހުމެއްކަމަށެވެ. އަދި އެމެޒަން ޕްރައިމްއާއެއްކޮށް 200 އެތައް ޤައުމެއްގައި "ވޯލަޑްވަައިޑް"ކޮށް މި ފިލްމް ޕްރިމިއަރ ކުރުމަށް އޭނާވެސް ހުރީ ކެތްމަދުވެފައިކަމަށް އަމީތާބު ބުނެފައިވެއެވެ.

"ގުލާބޯ ސިތާބޯ " މި ފިލްމްގެ ސްކްރީން ޕްލޭ ލިޔެފައިވަނީ މީގެކުރިން ޝޫޖިތުގެ ޑައިރެކްޝަން ދަށުން ސްކްރީނަށް ނެރުނު "ޕީކޫ" އާއި "އޮކްޓޯބަރ"ގެ ވެސް ސްކްރީން ޕްލޭ ލިޔުނު ޖޫހީ ޗަތުރަވެދީއެވެ.