އާދީއްތަ ދުވަހުން ފެށިގެން މާލޭގެ ގޭބިސީތަކުގައި އުޅޭ މީހުންނަށް ބާޒާރަށް ނުކުމެވޭނީ ހަފްތާއަކު އެއް ފަހަރުކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް ހާމަކޮށްފިއެވެ. އެ އިދާރާއިން ވިދާޅުވީ ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް އާދީއްތަ ދުވަހުން ފެށިގެން ބަދަލު ގެންނަން ނިންމަވާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެކަމަށެވެ. ކޮންމެ ގޭބިސީއަކުންވެސް ހުއްދަ ދީފައިވާ ފަރާތްތައް ކަނޑައެޅިފައިވާ ގަޑިތައް އެނގޭ ގޮތަށް އާ މެސެޖެއް ލިބިގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ކުރިޔަށް އޮތް ދެ ހަފްތާއަކީ ކޯވިޑްގެ ނުރައްކާ ރާއްޖެއަށް ބޮޑުވާނެ ދެ ހަފްތާކަމަށް ސިއްހީ މާހިރުންވަނީ ލަފާކޮށްފައެވެ. އެހެންކަމުން ފުލުހުން އަންނަނީ ބައެއް ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.
މިގޮތުން ސިނަމާލެ ބްރިޖްވެސް ދަންވަރު އެކަކުން ހެނދުނު ނުވަޔަކަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބާޒާރުކުރުމަށް ނުކުންނަ ކޮންމެ ގޭބިސީއަކުން އެކަކަށް ފުލުހުން ވަނީ ހުއްދަދީފައެވެ. އެ ހުއްދަގެ ދަށުން ހަފްތާއަކު 2 ފަހަރު ހުއްދަ ދީފައިވާ ވަކި ގަޑިއެއްގައި ބާޒާރުކުރުމަށް ނުކުމެވެއެވެ. އަދި އެ ހުއްދައިގެ ދަށުން ބާޒާރުކުރަން ނުކުމެވޭނީ ކަނޑައެޅިފައިވާ ނުވަތަ އެ ގޭބިސީއެއް ހިމެނޭ ވަކި ސަރަހައްދަކަށެވެ.