ޚަބަރު

ޕޮލިސް ރެކޯޑް ބަލާ މުއްދަތު ތިންއަހަރަށް ބަދަލުކޮށްފި


ޕޮލިސް ރެކޯޑް ބަލާ މުއްދަތު ފަސްއަހަރުގެ ބަދަލުގައި ތިން އަހަރަށް ބަދަލުކޮށް ފަސްދުވަހުގެ ތެރޭގައި ޕޮލިސް ރެކޯޑް ދޫކުރާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސައިފިއެވެ. ކުރިން މި ރެކޯޑް ދޫކުރުމަށް ދިހަ ދުވަސް ހޭދަވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސުން މިގޮތަށް ނިންމާފައިވަނީ، އެ އިދާރާގައި ރައްކާކޮށްފައި ހުންނަ މައުލޫމާތާއި ކުށުގެ ރެކޯޑް، އާންމު ފަރުދުންނާއި، ސަރުކާރުގެ އިދާރާތަކާއި، އާންމު އިދާރާތަކަށް ދޫކުރުމުގައި ލުއި ފަސޭހަ ހަރުދަނާ އުސޫލެއް ގާއިމު ކުރުމަށް ޕޮލިސް ރެކޯޑް ހާމަކުރުމާއި ބެހޭ ގަވާއިދު މުރާޖާކޮށް އަލަށް އެކުލަވާލި ގަވާއިދުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.އަލަށް އެކުލަވާލި ގަވާއިދާ ގުޅިގެން ފާހަގަ ކުރެވިފައިވާ މުހިއްމު ކަންތައްތަކާގުޅޭ މައުލޫމާތު ދެއްވަމުން،  ފުލުހުންގެ ސްޓްރެޓަޖީ އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ، މިބަދަލު ގެނައީ، އާންމު ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކަށް ލުއި ފަސޭހަ ކުރުމުގެ ގޮތުންކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން، ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށް ހަނީފު ވިދާޅުވިއެވެ. މިގަވާއިދުގެ ދަށުން ރެކޯޑް ސާފުކުރުމުގައި ބަލާނެ ކަންތައްތަކަކީ ފުލުހުންނަށް ހުށައަޅާ ޖިނާއީ ކުށެއްގެ މައްސަލައެއް އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ހިނގަމުންދާދިޔުމާއި، ފުލުހުން ތަހުގީގުކޮށް ޝަރީއަތް މެދުވެރިކޮށް ގޮތެއް ނިންމާދިނުން އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއްގައި ތުހުމަތުކުރެވިފައިވުން ކަމަށް ފުލުހުން ބުނެއެވެ.އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ފުރަތަމަ މަރުހަލާގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ގޮތް ނިންމާނީ އިންފޮމޭޝަން އޮފިސަރެވެ. ޕޮލިސް ރެކޯޑް ހާމަކުރުމާއި ބެހޭ ގަވާއިދަށް އަމަލުކުރަން ފެށީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.