ޚަބަރު

ކޯވިޑް-19 : ރަށްރަށަށް ދާންބޭނުވެފައިވާ 392 މީހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި


އަމިއްލަ ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން 392 މީހުން ޓްރާންސިޓް ކަރަންޓީން ފެސިިޓީތަކުގައި މިވަގުތު އެބަތިބިކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރުމުއްދަތަކަށް މާލެއައިސް ތިބި މީހުންގެ ތެރެއިން ފުރަބަންދާ ގުޅިގެން ރަށްރަށަށް ނުދެވިތިބި މީހުންގެ ތެރެއިން އެންމެ ޒަރޫރީކޮށް ރަށްރަށަށް ދާން ބޭނުންވެފަިއވާ މީހުންނާއި، ރިސޯޓްތަކުން މާލެއައިސް ރަށަށް ނުދެވިތިބި މީހުން ރަށްރަށަށް ދިއުމުގެ ކުރިން ކަރަންޓީނުކުރުމުގެ މަސައްކަތް މިހާރުފެށިގެން ކުރިއަށްދާކަމަށެވެ.

މިހާތަނަށް މިގޮތަށް ކަރަންޓީނުކުރެވުނު މީހުން ބައިތިއްބާފައިވަނީ އެކަމައްޓަކައި ކަނޑައަޅާފައިވާ ވަކި ރިސޯޓްތަކެއްގައެވެ. މިގޮތުން މިހާތަނަށް 7 ރިސޯޓަކާއި ހުޅުމާލެއިންވެސް ޖާގަތައް ހޯދާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު މިއަދުވަނީ ވިދާޅުވެފައެވެ.

އެގޮތުން ހދ.ހޮނޑާފުއްޓާއި، ފ. ފިލިތެޔޮ އަދި މ.މެދުފުށި ކަރންޓީން ފެސިލީޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން ޓޫރަޒްމް މިނިސްޓަރވަނީ މިއަދު ވިދާޅުވެފައެވެ. އޭގެކުރިން އައްޑޫ ހެރަތެރެ އާއި ދ.އިރުވެލި ރިސޯޓާއި ޅ.ފުށިފަރު ރިސޯޓާއި ރ.ފުރަވެރި ރިސޯޓްގައިވެސް ކަރަންޓީންކުރަން ނިންމި ރަށްތަކުގެ ތެރޭގައި ހިމެނެއެވެ. މިއާއެކު ރިސޯޓްތަކުގައި 500 މީހުންގެ ޖާގަ އަދި ހުޅުމާލެ ގެސްޓްހައުސްތަކުގައި އިތުރު 500 ޖާގަ ވަނީ ހަމަޖެހިފައެވެ.

މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރުމަށް އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ކޮންމެހެން ރަށްރަށަށް ފޮނުވަންޖެހޭ މީހުން މިހާރު ކަރަންޓީންކުރާނީ ސަރުކާރުން ހަމަޖައްސާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައެވެ.

މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން އެދުނު ފަރާތްތައް ރިވިއުކޮށް 1600 މީހުން ހިމެނޭ ލިސްޓެއް އެކުލަވާލާފައިވާއިރު، މާލޭގައި ތިބި މީހުން ކަރަންޓީން ކުރުމަކީ އަތޮޅުތަކަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި އަޅާ މުހިއްމު ފިޔަވަޅެއްކަމަށާއި މިއީ އުނދަގޫ ކަމަކަށްވިޔަސް މިކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ މުހިއްމު ފިޔަވަޅެއްކަމުން މިކަމުގައި ކެތްތެރިވުމަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ.