ޚަބަރު

އާއިލީ ގުޅުންތައް ހަރުދަނާކޮށް ބަދަހި ކުރުމަށް ފުރަބަންދަކީވެސް ލިބުނު ފުރުޞަތެއް


ކާމިޔާބު މުޖުތަމަޢެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ހަރުދަނާ ޢާއިލާއެކެވެ. އާއިލީ ލޯބި ލިބިގެން ބޮޑުވާ ހަރުދަނާ ދަރީންނަކީ، ޤައުމުގެ މާދަމާގެ މުސްތަޤުބަލު ބިނާކުރުމަށް އޮތް އެންމެ ބޮޑު އުއްމީދެވެ.

ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހަކީ ޢާއިލީ ކަންކަމާއި މެދު ވިސްނައި، ޚާއްސަކޮށް މިފަދަ ވަގުތެއްގައި އާއިލީ ގުޅުން ބަދަހިކުރުމަށް ލިބިފައި އޮތް ރަނގަޅު ފުރުސަތެއް ކަމުގައި ހެދުމަކީ މުހިއްމު ކަމެކެވެ.

ރާއްޖޭއަކީ ދުނިޔޭގައި އާބާދީގެ ނިސްބަތުން، އާއިލީ މައްސަލަތަކާއި ވަރި ގިނަ ޤައުމެކެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު ފަސްހާހަށްވުރެ ގިނަ ކައިވެނިކޮށްފައިވާއިރު ތިންހާހަށްވުރެ ގިނަ ވަރިކޮށްފައި ވެއެވެ. މިއީ ތިންހާސް އާއިލާ ރޫޅި އެތައް ކުދީންނެއް ބިކަވެގެން ދިޔުމެވެ. ވަރީގެ އަދަދު ތަކަކީ އަހަރުން އަހަރަށް ރާއްޖޭގައި އިތުރުވަމުން އަންނަނަ ޢަދަދުތަކެވެ. ރޫޅޭ ކައިވެނިތަކުގައި ބިކަވާ ކުދިންނަށް އެކަށީގެންވާ ލޯތްބާއި އަޅާލުން ނުލިބި މަގުމަތިވުމާއި ކުށުގެ ވެއްޓަށް ވަދެވި، މަގު ގެއްލިގެން ދެއެވެ.

މިގޮތުން ޤައުމުގެ ތަރައްޤީގެ އިތުރު ކަންކަމަށް ޚަރަދުކުރަންޖެހޭ ފައިސާގެ ބޮޑު އިންސައްތައެއް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ފަރުވާއަށް ހޭދަކުރަންވަނީ ޖެހިފައެވެ. މަސްތުވާތަކެއްޗަށް ޒުވާނުން ހުށައެޅިގެންދާ މައިގަނޑު ސަބަބަކަށް އާއިލީ މައްސަލަތައް ވަނީ ވެފައެވެ. އާއިލީ މައްސަލަތައް ފެށިގެން އަންނަނީ ދެމަފިރިންނަށް އެކަކު އަނެކަކަށް އަޅާލުމާއި ލޯބި ނުދެވި އާއިލީ ޒިންމާތައް ނުއުފުލި ދިޔުމުންނެވެ. އެހެންކަމުން ހަރުދަނާ އުފާވެރި ޢާއިލާތައް ބިނާ ކުރުމަށް ކައިވެނީގެ މަތިވެރި ގުޅުމުގެމަތީގައި ހަރުދަނާ ކަމާއި އެކު ދެމިތިބެ ދަރިންނަށް ނަމޫނާ ދައްކާ ބަޔަކަށް މައިން ބަފައިން ވާންޖެހޭނެއެވެ.

އަދި އެކި ސަބަބުތަކަށް ޓަކައި ދެމަފިރިން ވަކިވިނަމަވެސް ދަރިންގެ ކަންކަމަށް އަސަރުނުކުރާނެ ގޮތަކަށް އެކުދިންގެ ޙައްގުތަކަށް އުނިކަން ނާންނާނެފަދަގޮތަކަށް މައިންބަފައިންގެ ގޮތުގައި ދެމީހުންވެސް ކަންކަން ކުރުމަކީ މުހިއްމުކަމެކެވެ. އެގޮތުން ކައިވެނި ރޫޅުމުގެ ސަބަބުން ދަރިންނަށް ކުރަންޖެހޭ ޚަރަދުނުކުރުމުގެ މައްސަލަތައް ކޮންމެ މަހަކުވެސް މިނިސްޓްރީ އޮފް ޖެންޑަރއަށް ހުށައެޅެއެވެ. އަދި ހަޟާނާތުގެ މައްސަލަތަކާއި، ދަރީންނަށް ޚަރަދު ނުދިނުމުގެ މައްސަލަތަކަކީ ރާއްޖޭގެ ކޯޓުތަކުގައި ގިނަ މައްސަލަތަކެވެ.

ޢާއިލާތަކުގައި ހުރި މައްސަލަތައް ޙައްލުކޮށް ވާހަކަދައްކައިގެން ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މިހާރު މިވަނީ ފުރުސަތެއް ލިބިފައެވެ. ލޮކްޑައުންގައި ގޭގައި ތިބޭ މިވަގުތުތައް ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރެވިދާނެއެވެ. ޢާއިލާ ރޫޅުމުގެ ސަބަބުން ދަރިންނަށް ލިބޭ ގެއްލުންތައް ވަޒަންކޮށް ޒިންމާދާރު މައިންބަފައިންނަށް ވުމަށް ގޭތެރޭގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދުން މުހިއްމެވެ.

ލޯބިން ކައިވެނިކޮށްގެން ދަރިން ލިބި އެކުދިންނަށް މައިންބަފައިންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ދުވަހު އާއިލާ ރޫޅާލައި ދެމަފިރިން ވަކިވެގެން ދިޔުމުން އެކަމުގެ ގެއްލުން ފޯރަނީ ހަމައެކަނި އެ ދަރީންނަކަށް ނޫނެވެ. މުޅި މުޖުތަމައާއި ދަރީންނަށެވެ. އެހެންކަމުން ޢާއިލާތަކުގެ ދުވަހު ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް އަޒުމް އާކުރަންއެބަޖެހެއެވެ.