ކޮރޯނާވައިރަސް ނައްތާނުލެވިދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުޗުއޯއިން ދީފިއެވެ.
ދުނިޔޭގައި 4.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 300،000 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައި ޑަބްލިއުއެޗުއޯގެ ކުއްލި ނުރައްކަލާބެހޭ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ބަލި ނައްތާލެވޭނެ ދުވަހެއް ނޭނގޭކަމަށާއި ކިހާ ދުވަހަކު ދުނިޔޭގައި ބަލި ދެމިހުންނާނެކަން ލަފާކުރުމުގެ މާބޮޑު ބޭނުމެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ ބަލިޖައްސާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަންޖެހިފައިވަނީ ބޮޑު އަދި ބުރަ މަސައްކަތެއްކަމަށެވެ.
ކޮރޯނާވައިރަހާއި އެއިޑްސް ބަލި ޖައްސާ އެޗުއައިވީއާ އަޅާކިޔުއްވަމުން ރަޔަން ވިދާޅުވީ އެ ބަލި ދުވަހަކުވެސް ނައްތާނުލެވިދާނެކަމަށާއި އެކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އެއްވެސް މީހަކަށް ބަލި ނައްތާލެވޭނެ ސީދާ ތާރީޚެއް ނުބުނެވޭނެކަމަށާއި ގިނަ އަހަރުތަކަކަށް މުޖުތަމަޢުގައި ބަލި އުޅުމުގެ ފުރުޞަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ 100އަށްވުރެ ގިނަ ޖަމްޢިއްޔާއިންދަނީ ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ހިމަބިހިފަދަ ބަލިތައް މިސާލަކަށް ނަންގަވަމުން ރަޔާން ވިދާޅުވީ ބައްޔާ ދެކޮޅަށް ވެކްސިނެއް ހޯދިނަމަވެސް ބަލިމަޑުކަން ނައްތާނުލެވިދާނެކަމަށެވެ. އަދި ވެކްސިނެއް ހޯދަން ކުރާ މަސައްކަތް ކާމިޔާބުވާނެކަމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަލިމަޑުކަމާއެކު ދިރިއުޅޭނެ ގޮތްތަކެއް ހޯދުމުގެ ބާރު ދުނިޔެއަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ ބަލި ފެތުރޭ މިންވަރު ދަށްކުރުމުގެ ޒިންމާ އޮތީ ދުނިޔޭގެ އަތްމަތީގައިކަމަށާއި ބަލިފެތުރުން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ.
ބަލި ނައްތާނުލެވިދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދީފައިވަނީ ގިނަ ޤައުމުތަކެއްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް، ޤައުމުތަކުގެ އިޤްތިޞާދު ކޮޅަށްޖަހަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ޞިއްޙީ މާހިރުންވަނީ އަވަސް އަރުވާލައިގެން ފިޔަވަޅުތައް އުވާލައިފިނަމަ ބަލި ފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ އިންޒާރު ދީފައެވެ.