ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އޮންލައިން ކޯހުގައި ބައިވެރިވުމަށް 420 މީހަކު ހުށައަޅާފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވީ 25 މީހުންގެ ޖާގައަށް ހުޅުވާލި ފުރުޞަތުގެ ސުންގަނޑި ހަމަވިއިރު 420 މީހުން ކޯހުގައި ބައިވެރިވުމަށް ހުށައަޅާފައިވާކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކަށްވެސް އެ ކްލާހުގައި ބައިވެރިވުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަމަށެވެ. މި އޮންލައިން ކްލާސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށް ކަމަށްވެސް ބަހުގެ އެކެޑަމީން ވިދާޅުވެއެވެ.
ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮންލައިން ކޯހަކީ މިދުވަސްވަރު ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދުގެ ދުވަސްވަރު ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ޝައުގުވެރިވާ ފަރާތްތަަކަށް ހުޅުވާލި ފުރުޞަތެކެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި ކްލާސްތަކުގައި ޖުމްލަ 20 ގަޑިއިރު ކިޔަވައި ދިނުމަށް ހަމަޖެހިފައިވާކަމަށް ބަހުގެ އެކެޑަމީން ވިދާޅުވެއެވެ. މިއީ ދިވެހި ބަސް ކުރިއެރުވުމަށް ބަހުގެ އެކެޑަމީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.
ޅެން ހަދަން ދަސްކޮށްދިނުމުގެގެ ކޯހުގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީން އަންނަނީ އަދަބީ އެކި ހުނަރުތައް ދަސްކޮށްދިނުމަށް އޮންލައިންކޮށް ކޯސްތައް ހިންގަން ތައްޔާރުވަމުންނެވެ. މިގޮތުން ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަން ދަސްކޮށްދިނުމުގެ ކޯހުގައި 478 ބައިވެރިންވަނީ ބައިވެރިވެފައެވެ. އަދި ނާވިލު ކޯހުގައި 230 ބައިވެރިންވަނީ ބައިވެރިވެފައެވެ.