މުނިފޫހިފިލުވުން

ބައްޕައާއެކު މަސައްކަތްކުރަން އަދިވެސް ޖެހިލުންވޭ - ޝާހިދު ކަޕޫރު


ބައްޕައާއެކު ފިލްމުތަކުގައި މަސައްކަތްކުރަން އަދިވެސް ޖެހިލުންވާކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު ބުނެފިއެވެ.

ޝާހިދު މިހެން ބުނެފައިވަނީ ދާދިފަހުން ޓުވިޓަރގައި ކުރިއަށްދިޔަ "އާސްކް މީ" ސެޝަނެއްގައި އޭނާގެ ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. ބައްޕައާއެކު މަސައްކަތްކުރުމާމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުން، ޖަވާބުގައި ޝާހިދު ބުނެފައިވަނީ އޭނާގެ ބައްޕަ ޕަންކަޖު ކަޕޫރާއެކު އެއް ފްރޭމެއް ހިއްސާކުރަން ޖެހުމުން އަދިވެސް ޖެހިލުންވެ ހާސްވާގޮތްވާ ކަމަށެވެ.

ޝާހިދާއި އޭނާގެ ބައްޕަ ޕަންކަޖު އެންމެފަހުން އެކުގައި ފެނިފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ރޮމްކޮމް ފިލްމް "ޝާންދާރު"އިންނެވެ. މި ފިލްމުން ޕަންކަޖުގެ އަންހެން ދަރިފުޅު އަދި ޝާހިދުގެ ކޮއްކޮ ސަނާޙް ކަޕޫރުވެސް ވަނީ ފެނިގެންގޮސްފައެވެ. ޝާހިދާއި އޭނާގެ ބައްޕަ އެކުގައި ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޖަރޒީ" މި ފިލްމުންނެވެ.

ގޯތަމް ޓިނަންނޫރީ ޑައިރެކްޓްކުރާ ސްޕޯޓްސް ޑްރާމާ މި ފިލްމަކީ ހަމަ މި ނަމުގައި އޭނާ ޑައިރެކްޓްކޮށް، މިދިޔަ އަހަރު ނެރުނު ޓެލުގޫ ފިލްމުގެ ހިންދީ ވަރޝަނެކެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭ މި ފިލްމުގެ މެއިން ކެރެކްޓަރ ގޮތުގައި ޝާހިދު ފެނިގެންދާއިރު، އޭނާގެ ބައްޕަ ޕަންކަޖު ކުޅެނީ ޝާހިދުގެ މެންޓޯރއެއްގެ ރޯލެވެ.

ޝާހިދު ކަޕޫރު އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ނުކުތް ބްލޮކްބަސްޓަރ ފިލްމް "ކަބީރު ސިންގް"އިންނެވެ. މި ފިލްމުން ޝާހިދުގެ ފަރާތުން ފެނިގެންދިޔަ އާދަޔާ ޚިލާފު މޮޅު އެކްޓިންއަށް އެތައް ބައެއްގެ ތަޢުރީފު ލިބިފައިވާއިރު، "ޖަރޒީ"އާމެދުވެސް އޭނާގެ ސަޕޯޓަރުން ކުރާ އުއްމީދު ވަރަށް ބޮޑެވެ.

މި ފިލްމް ސިނަމާތަކަަށް އަންނާނެކަމަށް ބެލެވެނީ މިއަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.