ޚަބަރު

ފިނޭންސް މިނިސްޓްރީ ހުރި ކޮށީގައި 25 ބުރީގެ އިމާރާތެއް އަޅަނީ


ފިނޭންސް މިނިސްޓްރީ މިހާރު ހުރި ބިން ހިމެނޭ ކޮށީގައި 25 ބުރީގެ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމައިފި އެވެ.

ފިނޭސް މިނިިސްޓްރީން މިހާރު ވަނީ އެ އޮފީސް ހުންނަ ކޮށި ކަމަށްވާ މާލޭގެ 379 ނަމްބަރު ކޮށީގައި 25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސް އެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

މި އޮފީސް އިމާރާތް ތަރައްޤީ ކުރަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވާއިރު މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމަށްޓަކައި، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާއާޢި، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު ހުށަހަޅަންވާނެ ކަމަށް ފިނޭންސް މިނިސްޓްރީންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ފަންސަވީސް ބުރިއަށް އިމާރާތް ކުރެވޭ މި އޮފީސް އިމާރާތް ތަރައްޤީ ކުރަނީ ސަރުކާރުގެ އެެކި އޮފީސްތައްވެސް ހިންގަން ބޭނުންކުރެވޭގޮތަށް ކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ ވިހިވަނަ ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމާއި ހަމައަށެވެ.