ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ލެސޫތޫއިން ފެނިއްޖެ


އެފްރިކާގެ ޤައުމެއްކަމަށްވާ ލެސޫތޫއިން ކޯވިޑް-19 ޖެހިފައިވާ މީހެއް ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ. އެއާއެކު އެފްރިކާގެ ހުރިހާ ޤައުމަކުން ކޯވިޑް-19ވަނީ ފެނިފައެވެ. ދުނިޔޭގައި ކޯވިޑް-19ގެ އަސަރުނުކުރާކަމަށް ބުނެފައިވަނީ 12 ޤައުމަކުންނެވެ.

ލެސޫތޫގެ ސަރުކާރުން ބުނީ އެޤައުމުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވާކަމަށާއި އެމީހަކީ ސަޢުދީ ޢަރަބިއްޔާއިން ދަތުރުކުރި މީހެއްކަމަށެވެ. އިތުރު މީހުންނަށް ބަލީގެ އަސަރުކޮށްފައިވާކަމަށް ޤަބޫލުކުރެވޭކަމަށާއި 301 ސާންޕަލެއް ތަހުލީލުކުރުމަށް އަވަށްޓެރި ދެކުނު އެފްރިކާއަށް ފޮނުވާފައިވާކަމަށް ލެސޫތޫގެ ސަރުކާރުންވަނީ ބުނެފައެވެ.

އޭޕްރިލް މަހުގެ 30ވަނަ ދުވަހު ލެސޫތޫވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ކަމާބެހޭ މާހިރުންގެ ލަފަޔާ ޚިލާފަށް މިމަހުގެ 5ވަނަ ދުވަހު ފުރަބަންދުވަނީ އުވާލާފައެވެ. ބަލިކަށި ޞިއްޙީ ނިޡާމެއް އޮންނަ ލެސޫތޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށައިފިނަމަ ޞިއްޙީ ނިޡާމަށް ބާރު ބޮޑުވެ އެކަށީގެންވާ ފަރުވާ ނުދެވޭނެކަމުގެ ބިރުވަނީ ހީވެފައެވެ.